ރާއްޖޭގައި ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް) އާއެކު ވެފައިވާ އެއްބަސްވުން އައުކޮށްފިއެވެ.

މިއަދު ބޭއްވި ހަފުލާއެއްގައި މި އެގްރީމަންޓުގައި ސޮއިކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާލް ސްޓުމްކަ އަދި ޓެނިސް އެސޯސިއޭޝަންގެ ރައީސް އަހުމަދު ހަފީޒެވެ.

މި އެއްބަސްވުމުގެ ދަށުން، ޒުވާން ކުޅުންތެރިންގެ ހުނަރު އިތުރުކޮށް މިކުޅިވަރުގައި ކުރިއަށް ދިޔުމަށް ބޭނުންވާ ތަޖުރިބާ ހޯދައިދިނުމުގެ މަގްސަދުގައި ކުރިއަށް އޮތް ތިން އަހަރު ޤައުމީ ޓެނިސް ޗެންޕިއަންޝިޕް ބޭއްވުމަށް ބީއެމްއެލް އިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާލް ސްޓުމްކަ ވިދާޅުވީ، ޤައުމީ ޓެނިސް ޗެންޕިއަންޝިޕަކީ ރާއްޖޭގައި މިހާތަނަށް ބާއްވަމުން އަންނަ އެންމެ ގިނަދުވަސްވީ ޓެނިސް މުބާރާތް ކަމަށާއި ބީއެމްއެލްއިން ޓެނިސް އެސޯސިއޭޝަނާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް، ޒުވާން އެތުލީޓުންގެ ހުނަރު އިތުރަށް ފުޅާކުރުމަށް އެހީތެރިވެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ.

ބީއެމްއެލްއިން ދަނީ ރާއްޖޭގެ ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށް އެކި ގޮތްގޮތުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. މި ގޮތުން ބީއެމްއެލް އަކީ ޤައުމީ ފުޓްބޯޅަ ޓީމްތަކުގެ އޮފިޝަލް ސްޕޮންސަރއެވެ. އަދި ޤައުމީ ސަރފިންގ ޓީމްތަކުގެ އޮފިޝަލް ސްޕޮންސަރ ގެ އިތުރުން ސުއިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ޤައުމީ ޕާޓްނަރ އަކީވެސް ބީއެމްއެލްއެވެ.

މީގެއިތުރުން، ސްޕޯޓްސް ސްކޮލަރޝިޕް ފަންޑުގެ ދަށުން ބީއެމްއެލް އިން މިހާރުދަނީ ރާއްޖޭން ބޭރުގެ ހައި ޕަރފޯމަންސް ޓްރެއިނިންގ ސެންޓަރުތަކުގައި އެތުލެޓިކްސް، ބެޑްބިންޓަން، ޓޭބަލް ޓެނިސް އަދި ޓެނިސްގެ ތަމްރީން ހޯދުމަށް ރާއްޖޭގެ ހަތް އެތްލީޓުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.