ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން، އީވާ އަބްދުﷲ ވަކިކުރަން މަޖިލީހަށް ހުށަހަޅައިފިއެވެ.

މިކަން ހާމަކޮށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.

އެހެންކަމުން، މި މައްސަލަ ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދާނެކަން މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން އީވާ ވަކިކުރަން ހުށަހަޅާފައި މިވަނީ، އެ ޕާޓީއެއްގެ ޓިކެޓުގައި އެކަމަނާ މަޖިލީހަށް އިންތިޚާބުވެވަޑައިގަތް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަކިވެ، "ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ޕާޓީއެއް ހަދަން އެކަމަނާ މަސައްކަތްކުރައްވަމުން އަންނަ ދަނޑިވަޅެއްގައެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކިކުރުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެގޮތަށް ފާސް ކުރީ ޕީޖީ ގުރޫޕުން އެ ދުވަހު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އީވާ އެ މަގާމުން ވަކިކުރުމަށް 50 މެމްބަރުންގެ ވޯޓު ހަމަކޮށްފައިވެއެވެ.

އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ 12 މެމްބަރުން އެ ޕާޓީން ވަކިވެ، މިވަގުތު މިނިވަން މެމްބަރުންގެ ގޮތުގައި ތިއްބެވުމާއެކު އެމްޑީޕީއަށް މަޖިލީހުގެ ސުޕާ މެޖޯރިޓީ ގެއްލުނު ނަމަވެސް، އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި 55 މެމްބަރަކު މަޖިލީހުގައި އެބަ ތިއްބެވިއެވެ. އެއީ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށެވެ.

ރައީސް ނަޝީދު ފެއްޓެވި ސިޔާސީ ހަރަކާތް، ފިކުރެއްގެ ދިރުމުގައި އިސްކޮށް ހަރަކާތްތެރިވި މެމްބަރުން އެމްޑީޕީން ވަކިވެވަޑައިގެންނެވި ނަމަވެސް، ރައީސް ނަޝީދު އެ ޕާޓީން ވަކިވެވަޑައިގެންފައެއް ނުވެއެވެ.

އެމްޑީޕީން ވަކިވެވަޑައިގެން އީވާ އިސް ސަފުގައި މަސައްކަތްކުރައްވާ އައު ޕާޓީއެއް ވުޖޫދުކުރަން މަސައްކަތް ފެއްޓެވި ހިސާބުން އެކަމާ މަގާމުން ވަކިކުރަން އެމްޑީޕީގެ ޕީޖީއިން މަސައްކަތްކުރާނެކަމަށް ބެލެވުނެވެ. މި މަސައްކަތާ ގުޅިގެން އަމިއްލަފުޅަށް އިސްތިއުފާދެއްވާނަންތޯ، ފިކުރެއްގެ ދިރުމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީވާއާ ސުވާލުކުރުމުން އެކަމަނާ ވިދާޅުވީ، އަމިއްލަފުޅަށް އެ މަގާމުން އިސްތިއުފާ ނުދެއްވާނެކަމަށެވެ.

މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ ގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހަޅާފައިވާއިރު، ގާނޫނުއަސާސީގައިވާގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރެވޭނީ މަޖިލީހުގެ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ ވޯޓާ އެކުއެވެ. އެއީ 87 މެމްބަރުންގެ ތެރެއިން 44 މެމްބަރުންގެ ވޯޓެވެ.

އީވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ ގޮތުގައި އިންތިހާބުވެވަޑައިގަތީ 2019 ވަނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހުއެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން އީވާ ވަކިކުރަން ހުށަހަޅާފައި މިވަނީ، ދައުލަތުގެ ބަންޑާރަނައިބު ރިއްފަތުއާއި، ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.