ނޮޅިވަރަންފަރު ކައުންސިލް އިދާރާގައި އިދާރީ މުވައްޒަފުންގެ ގޮތުގައި 40 ވުރެ ގިނަ މުވައްޒަފުން ތިބުމުން މުސާރައިގެ އޮނިގަނޑުގައި މިހާރުހުރި މައްސަލަތައް ހައްލު ކޮށްދެއްވުމަށް ކައުންސިލުން އެދިއްޖެއެވެ.
ކައުންސިލުން މިކަމަށް އެދުނީ ކައުންސިލްގެ މެމްބަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގެ ތެެރެއިންނެވެ.
މިބައްދަލު ކުރެއްވުމުގައި، ނޮޅިވަރަންފަރު ކައުންސިލުން ވަނީ މިސަރުކާރުން އެރަށުގައިވެސް ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ނިމިފައިވާ ކަމަށާ އަދި މިހާރުވެސް ބައެއް މަޝްރޫޢުތައް ހިނގަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި ފެނާއި ނަރުދަމާގެ މަޝްރޫޢުނިމި، ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދެއްވުމުގެ ގޮތުން، ކުރިޔަށްގެންދާ 100 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތްވެސް މުޅިން ނިމުމަކާއި ހަމައަށް ގޮސްފައިވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
މިބައްދަލުވުމުގައި ކައުންސިލުން ނޮޅިވަރަށް ފަރަށް އެންމެ ބޭނުންވެފައިވާ ކަންކަމުގެ ތެރޭގައި، މަގުހެދުމާއި ނެރު ފުންކުރުމުގެ މަސައްކަތް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސްކޫލުގެ ޖާގައިތުރުކުރުމާއި، ޞިއްޚީ ޚިދުމަތާއި، ކުޅިވަރުކުޅުމުގެ ވަޞީލަތްތައް އިތުރަށް ތަރައްޤީކުރަން ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި ނޮޅިވަރަންފަރަކީ، 3 ރަށަކުން މީހުން ހިޖުރަކޮށްފައިވާ ރަށަކަށް ވުމާއިއެކު ކައުންސިލް އިދާރާގައި އިދާރީ މުވައްޒަފުންގެ ގޮތުގައި 40 ވުރެ ގިނަ މުވައްޒަފުން ތިބިކަން ފާހަގަކުރައްވައި މުސާރައިގެ އޮނިގަނޑުގައި މިހާރުހުރި މައްސަލަތައްވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ނޮޅިވަރަންފަރުގެ މަގުހެދުމުގެ މަޝްރޫއާގުޅޭ ގޮތުން މިހާރު ކުރެވޭ މަސައްކަތްތަކުގެ މަޢުލޫމާތު ކައުންސިލާއި ޙިއްސާކުރެއްވިއެވެ.
މީގެ އިތުރުންވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން އަވަހަށް ހައްލެއް ބޭނުންވާ ކަންކަމާއި އެނޫން ކަންތައްތަކާއި ގުޅޭ ގޮތުން ކަމާއި ބެހޭ މުއައްސަސާތަކާއި ގުޅިގެން މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.