މި ސަރުކާރުގެ ހަތަރު އަހަރު ދުވަހުގެ ތެރޭގައި މަސްބޭނި މިންވަރަށް އެހެން އެއްވެސް ސަރުކާރެއްގައި މަސްބާނާފައި ނުވާކަން ތަފާސްހިސާބުތަކުން ފެންނަން އެބަހުރި ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ވަނީ ރާއްޖޭގެ މަސްކަނޑު ވިއްކާލައިފި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާ ސަރުކާރުގެ ހަތަރު އަހަރު ދުވަހުގެ ތެރޭގައި މަސްބޭނި މިންވަރާއި ގާތަށްވެސް މަސްވެރިންނަށް މަސްބޭނިފައިނުވާކަމީ ފެންނަން އޮތް ހަގީގަތެއް ކަމަށް ވިދާޅުވެފައެވެ.

އަދި މިހަގީގަތް އޮޅުވާނުލެވޭނެކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ މަސްވެރިންނަށް ލިބޭ އާމްދަނީ ބޮޑުވާނީ ގިނަ މަސްބޭނޭ ގޮތަށް ފަޅުތަކާ މަސްކނަޑުތައް ހިމާޔަތް ކުރެވިގެން ކަމަށެވެ.

މި މަސްކަނޑުތައް ލައިސެންސް ދިނުން ހުއްޓާލާ އަދި މި މަސްކަނޑުތައް ރަހުމަތްތެރި ގައުމުތަކުގެ ނޭވީކަމުގެ އެހީތެރިކަމާ ލައިގެން ބެލެހެއްޓޭ ގައުމަކީ ނުވަތަ ސަރުކާރަކީ މިސަރުކާރު. އެހެންވެގެން ފަސް ގުނައަށް ދިވެހި މަސްވެރިން ބާނާ މަހުގެ އަދަދު މިއަދު އިތުރުވެފަ އޮތީ. ރައްޔިތުންނަށް އާމްދަނީ އިތުރުނުވާނަމަ، ރައްޔިތުންގެ ޖީބު ތަނަވަސްނުވާނަމަ ރައްޔިތުންގެ ޑިސްޕޯސަބަލް އިންކަމް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވެގެންނުދާނަމަ ރައްޔިތުންނަށް އުފާފާގަތިކަމެއް ނޯންނާނެ. ރައްޔިތުން ބޭނުންވާ މުދާ ލިބޭކަށްނޯންނާނެ."
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް

މެމްބަރު ވިދާޅުވީ ސަރުކާރުގެ މަސައްކަތުން ރައްޔިތުންގެ އާމްދަނީ ދެ ގުނަ ބޮޑުވެއްޖެ ކަމަށާއި އޭގެ ހެކި ފެންނަން އެބައޮތް ކަމަށެވެ.

42 ބިލިއަން ރުފިޔާއަށް ދައުލަތުގެ ބަޖެޓު އަރައިގެންދިޔައީ އެ ނިސްބަތަށް ގައުމުގެ އާމްދަނީ އިތުރުވެގެން ދިޔުމުންކަން މެމްބަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

މެމްބަރު ޝަރީފް ވިދާޅުވީ ސަރުކާރެއް އޮތުމުގެ ބޭނުމަކީ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދިނުން ކަމަށާއި އެކަންކަންނުވާ ހާލަތްތަކުގައި ރައްޔިތުންގެ ވަޒީފާ ހިމާޔަތް ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅެއް އެޅުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ.