ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެކުގައި މަސައްކަތްކުރުމުގެ ފުރުސަތު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހުޅުވާލައިފިއެވެ.
މިކަން ހާމަކޮށް އެ ކޯލިޝަނުން ކުރި ޓުވިޓެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރެވެން ހުރި މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ކޯލިޝަނުގެ ޕީޖީ ގްރޫޕާއެކު މަސައްކަތްކުރުމުގެ ފުރުސަތު އެންމެހާ މެންބަރުންނަށާއި ސިޔާސީ ޕާޓީތަކަށް ހުޅުވާލެވިފައިވާ ކަމަށެވެ.
ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެކުގައި މަސައްކަތް ކުރުމުގެ ދައުވަތު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ދީފައިވާއިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ސަރުކާރުން ވިއްކާލާފައިވާ ކަމަށްބުނެ ބަންޑާރަނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މިހާރު ވަނީ މަޖިލީހަށް ވައްދާފައެވެ.
އަދި މި މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް އިދިކޮޅު ކޯލިޝަން ހިމެނޭ އިއްތިހާދުން ދަނީ މަސައްކަތް ކުރަމުންނެވެ.
އަދި މި ދަނޑިވަޅަކީ ވެރިކަންކުރާ އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅުންތަކެއް ޕާޓީ ދޫކުރައްވައި އައު ޕާޓީއެއް ވުޖޫދުކުރުމަށް އަމާޒު ހިފާފައިވާ ދަނޑިވަޅެކެވެ. އެކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން، އީވާ އަބްދުﷲ ވަކިކުރަން އެމްޑީޕީންވަނީ މަޖިލީހަށް ހުށަހަޅައިފައެވެ.