ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް މެންބަރުން ކަނޑައެޅުމުގައި މިހާތަނަށް އެއްބަސްވުމަކަށް އާދެވިފައިނުވާ ކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ކޮމެޓީތަކަށް އަލުން މެންބަރުން ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ސިޔާސީ ޕާޓީތަކާއެކު އިއްޔެ މަޝްވަރާކުރި ކަމަށެވެ.
ނަމަވެސް، ނަމަވެސް ހުރިހާ ޕާޓީތަކުގެ އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުން، އަލުން މިއަދު 10:30ގައި ޕާޓީތަކުގެ މަޝްވަރާކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ބަދަލު ގެންނަން ޖެހުނީ، އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ 12 މެމްބަރުން އެ ޕާޓީން ވަކިވެ، މިވަގުތު މިނިވަން މެމްބަރުންގެ ގޮތުގައި ތިއްބެވުމާއެކުގައެވެ.
މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމަށް މަޝްްވަރާކުރާއިރު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން، އީވާ އަބްދުﷲ ވަކިކުރަން ވަނީ ހުށަހަޅާފައެވެ. މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކިކުރުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެގޮތަށް ފާސް ކުރީ ޕީޖީ ގުރޫޕުން އެ ދުވަހު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އީވާ އެ މަގާމުން ވަކިކުރުމަށް 50 މެމްބަރުންގެ ވޯޓު ހަމަކޮށްފައިވެއެވެ.