ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމުގެ ތިން ހަމަލާއެއް ދޭން އުޅުނު ކަމުގެ މައުލޫމާތު ހަމަލާ ދިނުމުގެ ކުރިން ސަރުކާރަށް ލިބިފައިވާ ކަމަށް އެމަނިކުފާނު ތުހުމަތުކުރައްވައިފިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދަނޑުވެރިންގެ ސަބްސިޑީ އަލުން އިޔާދަކޮށްދިނުމަށް ގޮވާލާ ގަރާރުގެ ބަހުސްގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވަނީ މޭރީބްރައުން އާއި ޔާގޫތުގެ ކައިރީގައި ރައީސް ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދޭން އުޅުނު ކަމުގެ މައުލޫމާތު ލިބުމުން، އެކަން ހުއްޓުވުމަށް ސަރުކާރުން މަސައްކަތް ކޮށްފައިނުވާ ކަމަށް ވިދާޅުވެފައެވެ.

އަދި ސަރުކާރުން އެ މައުލޫމާތަށް އިސްކަމެއް ނުދިނުމުގެ ނަތީޖާއަކަށްވީ، ބޮމެއް ގޮއްވާލުން ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

މެންބަރުން ހަސަން ލަތީފުގެ ވާހަކައަށްފަހު ބަހުސްގައި ދެން ވާހަކަ ދެއްކެވި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވަނީ ބޮމުގެ އިތުރު ހަމަލާތަކެއް ދޭން އުޅުނު ކަމުގެ މައުލޫމާތު ކުރިން ނުލިބޭ ކަމަށް ވިދާޅުވުމުން، ރައީސް ނަޝީދު ވަނީ މެމްބަރު ހަސަން ލަތީފް ދެއްކެވި ވާހަކަތަކަކީ ހަގީގަތެއްކަން ހަށަވަރުކޮށްދެއްވާފައެވެ.

"އަޅުގަނޑަށް އިއްޒަތްތެރި މެންބަރަށް ޔަގީންކޮށް ދެވިދާނެ. މޭރީބްރައުން ރެސްޓޯރަންޓް ކައިރީގައި ބޮމެއް ބަހައްޓާ އަޅުގަނޑު މަރާލަން އުޅުނު ކަމާއި އަދި ޔާގޫތުގޭ ދޮށުގައި ބޮމެއް ބަހައްޓާ އަޅުގަނޑު މަރާލަން އުޅުނުކަމުގެ މައުލޫމާތު އަދި ކެނެރީގޭ ދޮށުގައި ބޮމެއް ބަހައްޓާ އެކަން ކުރަން އުޅޭކަމުގެ މައުޅޫމާތު ސަރުކާރަށް އޮތީ ސާފުކޮށް އެނގިފައިކަން މިތަނުގައި ހުރި ތަހުގީގުތަކުންނާއި އަދި އިތުރު ތަހުގީގުތަކުން ވާނީ ވަރަށް ރަނގަޅަށް އެނގިފަ
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

2021 ވަނައަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެރޭ ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެއިން ނުކުމުވަޑައިގެން ނީލޯފަރު ހިނގުމުން މަޖީދީމަގާވީ ކޮޅަށް ހިންގަވާފައި ވަޑައިގެން، ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ބޮމެއް ގޮއްވާލުމާ ގުޅިގެން އެމަނިކުފާނަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިފައެވެ.

ފުލުހުން ހިއްސާކުރި މައުލޫމާތަށް ބަލާއިރު، މެއި ހައެއްގައި ހަމަލާ ދިން މީހުން، ރައީސް ނަޝީދު އަވަހާރަ ކޮށްލަން ތިން ފަހަރެއްގެ މަތިން މަސައްކަތްކޮށްފައިވެއެވެ.

އެ ތިން ފަހަރުވެސް ހަމަލާދޭން ރޭވީ އައިއީޑީއެއް ގޮއްވާލައިގެން ކަމަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް ހާލަތާއި ވަގުތު ތަން ނުދިނުމުގެ ސަބަބުން އެކަން ނުކުރެވި ދިޔައީ ކަމަށާއި މެއި ހައެއްގައި ހަމަލާ ދިނީ ދުރާލާ ރާވައިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ބޮމުގެ ހަމަލާގައި އިސްކޮށް ހަރަކާތްތެރިވި އަހުމަދު އަދުހަމް ރަޝީދަށް ކުށް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާއިރު ބޮމުގެ ހަމަލާގައި ތުހުމަތު ކުރެވޭ އިތުރު ބައެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.