ހިޔާލު ތަފާތުވާ ފަރާތްތަކުގެ އަނގަ ބަންދުކޮށްގެން ތިބެން ނުބުނެވޭނެ ކަމަށް ބުނެ އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ކުރީގެ ބަންޑާރަ ނައިބުންނަށް ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފިއެވެ.
އަނަސް މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި މިވަނީ ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދުނު އިމުގެ މައްސަލަ ނިންމި ގޮތާމެދު އުފެދިފައިވާ ބަހުސްގައި ބާ ކައުންސިލުން ދެކޭ ގޮތް ހާމަކޮށް ރައުޔެއް ނެރެން ނިންމުމުން އެކަމާ މެދު ސުވާލު އުފައްދައި އެ މައްސަލާގައި ސަރުކާރާ ދެކޮޅަށް ތިއްބެވި ކުރީގެ ބަންޑާރަ ނައިބުންކަމަށްވާ ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބަންޑާރަ ނައިބު އަދި ލީގަލް އެފެއާޒް މިނިސްޓަރުކަން ކުރެއްވި އާޒިމާ ޝަކޫރުގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ސިޓީއެއް ފޮނުއްވާފައި ވަނިކޮށެވެ.
އެ މައްސަލައިގައި ބާ ކައުންސިލުން ރައުޔު ނެރުމުގެ ވިސްނުން ދޫކޮށްލުމަށް އެދި އެބޭފުޅުންވަނީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަކީ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރަކަށް ވާއިރު އިމުގެ މައްސަލާގައި އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް ބާ ކައުންސިލުން އެ މައްސަލާގައި ރައުޔެއް ނެރުމުން މަސްލަހަތު ފުށުއަރާ ކަމަށް ބުނެފައެވެ.
އަދި ސިޔާސީ މައިދާނުގައި ހިނގާ ކަންކަމުގެ ތެރެއަށް ބާ ކައުންސިލުން ނުވެންނެވުމަށްވެސް އެބޭފުޅުން ގޮވާލައިފައިވެއެވެ.
މިކަމާއިމެދު ނުރުހުން ފާޅުކުރައްވައި އަނަސް ވިދާޅުވީ ބާ ކައުންސިލަށް ރައުޔު ހާމަކުރުމުގެ ބާރު ގާނޫނުން ލިބިދީފައިވާއިރު މައްސަލައިގައި ކުރީގެ ބަންޑާރަ ނައިބުންނާއި ކައުންސިލްގެ ހިޔާލު ތަފާތުވުމަކީ ކައުންސިލްގެ އަނގަ ބަންދުކޮށްގެން ތިބެން ބުނެވޭނެ ސަބަބެއް ނޫން ކަމަށެވެ.
އިމުގެ މައްސަލާގައި ބާ ކައުންސިލްގެ އަނގަ ބަންދުކޮށްގެން ތިބެން ނުބުނެވޭނެކަމަށް އަނަސް ބުނެފައިވާއިރު މައްސަލައިގައި ބަންޑާރަނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލައެއް މިހާރުވަނީ މަޖިލީހަށް ހުށައަޅާފައެވެ.