ރާއްޖޭގެ ޓޫރިޒަމްގެ ފަސްވަނަ މާސްޓަ ފްލޭން މާދަމާ އިފްތިތާހުކުރުމަށް ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
ރާއްޖޭގެ ޓޫރިޒަމްގެ ފަސްވަނަ މާސްޓަ ފްލޭން އިފްތިތާހުކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު ގައުމީ ޔުނިވަސިޓީގެ އޮޑިޓޯރިއަމްގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައެވެ.
ޓޫރިޒަމްގެ ފަސްވަނަ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ 2019 ވަނަ އަހަރުއެވެ. ނަމަވެސް ފައިސާގެ ދަތިކަމާއި ކޮވިޑް-19ގެ އާލަމީ ވަބާއާއި ގުޅިގެން މިމަސައްކަތް ދުވަސްކޮޅަކަށް މެދުކެނޑިފައި އޮތުމަށްފަހު އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ހިލޭ އެހީގެ ދަށުން އަލުން މަސައްކަތް ފެށީ 2021 ވަނަ އަހަރުއެވެ.
މި މާސްޓަރ ޕްލޭންގެ ތެރެއިން ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުން ހާސިލްކުރަން ބޭނުންވާ ކަންކަމަށް އަލިއަޅުވާލެވިގެން ދާނެއެވެ. މާސްޓަރ ޕްލޭން ހެދުމުގެ މަސައްކަތަށް ޖުމްލަ 10 ކޮންސަލްޓަންޓުން ވަނީ ނަގާފައެވެ. އެއީ 9 ކޮންސަލްޓަންޓުންނާއި 1 ލީޑް ކޮންސަލްޓަންޓެކެވެ. ލީޑް ކޮންސަލްޓަންޓުގެ ގޮތުގައި ނަގާފައިވަނީ ބޭރުގެ ފަރާތެކެވެ. ނަމަވެސް ބާކީތިބި 9 ކޮންސަލްޓަންޓްގެ މަޤާމަށް ނަގާފައިވަނީ ދިވެހިންނެވެ.
މި ޕްލޭންގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވޭނެ ގޮތްތަކަށް އަލިއަޅުވާލާނެކަމަށާއި، އޭގެތެރޭގައި ފަތުރުވެރިކަން ކުރިއަށްގެންދާއިރު ދުނިޔޭގެ ވާދަވެރިކަމުގައި ރާއްޖެ ފަހަތައް ނުޖެހި ގެންދެވޭނެ ގޮތަށް ބައްޓަންވެގެންދާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޢަބްދުﷲ މަޢުޞޫމް މީގެކުރިން ވިދާޅުވެފައިވެއެވެ. އަދި އެކަން ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ ފެންނަންވެސް ފެންނާނެކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން ތިމާވެށީގެ ގޮތުންނާއި، އިޤްތިޞާދީގޮތުންނާއި، އިޖްތިމާޢީ ގޮތުންވެސް ރާއްޖެއަށް މަންފާލިބޭ ގޮތަށް އަދި ރާއްޖޭގެ ފަތުރުވެރިކަމަކީ މިހުރިހާ ކަމަކާއި ރަހުމަތްތެރި ކަމެއްގެ ގޮތުގައި ކުރިއަށްގެންދެވޭނެގޮތްތައް މި މާސްޓަރ ޕްލޭނުގައި ހިމެނޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގެ ހަތަރުވަނަ ޓޫރިޒަމް މާސްޓަ ޕްލޭން އިފްތިތާހު ކުރީ 2013 ވަނަ އަހަރުއެވެ. މި ޕްލޭން އޭރު ހަދާފައިވަނީ 2013 އިން 2018ގެ ނިޔަލަށް ކުރަންހުރި ކަންކަމަށް އިސްކަންދީގެންނެވެ.