ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވުމުން ކަމަށް ބުނެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލަން ނިންމި ނިންމުމަކީ ޣައިރު ގާނޫނީ ކޮރަޕްޝަންގެ އަމަލެއް ކަމަށް އެ ޕާޓީން ތުހުމަތުކޮށްފިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ އުފެއްދެވި އެމްއާރްއެމް އުވާލަން ނިންމީ މެންބަރުން ހަމަނުވުމުގެ ސަބަބުން ދެވަނަ ފަހަރަށް ނޯޓިސް ދީގެންވެސް ގާނޫނުގައި ބުނާ އަދަދަށް، 3،000 މެމްބަރުން ހަމަނުވެގެން ކަމަށް އެނގިފައިވެއެވެ.

މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ދިން ނޯޓިސްގެ މުއްދަތު ހަމަވީ މިދިޔަ ބުދަ ދުވަހަށެވެ.

މިކަމާއި ގުޅިގެން ޕާޓީގެ ރައީސް އަހުމަދު ފާރިޝް މައުމޫން ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ މޯލްޑިވްސް ރިފޯމް މޫވްމަންޓްގައި ޤާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުވާކަމަށް ދެކޭތީ ޕާޓީ އުވާލުމަށް އިލެކްޝަން ކޮމިޝަނުން އެމްއާރްއެމަށް އަންގާފައިވާ ކަމަށެެވެ.

އެހެންކަމުން މި ދަނޑިވަޅުގައި އެމްއާރްއެމްގެ މެންބަރުން ކެތްތެރިކަމާއެކު ޕާޓީއާއެކު ދެމިތިއްބެވުމަށް ފާރިޝްވަނީ އިލްތިމާސްކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވާ މި ނިންމެވުމަކީ، ކޮރަޕްޝަންގެ ނާޖާއިޒު ނުފޫޒު އެކުލެވިގެން، ޤާނޫނީ ތަރަހައިން ބޭރުން ނިންމަވާފައިވާ، ޒިންމާދުރުކަން ކުޑަ ނިންމުމެއް ކަމުގައި ދެކޭކަން ހާމަކުރައްވައި ފާރިޝް ވިދާޅުވީ މިކަމުން އަންގައިދެނީ، ޤައުމުގައި ފަސާދައާއި ކޮރަޕްޝަންގެ ވަކި ހިތްޕާލާފައިވާ މިންވަރާއި ޤައުމުގައި ޤާނޫނު ހިންގުމަށް ނުކުޅެދިފައިވާ މިންވަރު ކަމަށެވެ.

އަދި ޙައްޤުގެ މަގުގައި ސާބިވެ ތިބެ، ޤާނޫނީ އިމުން ބޭރުން ނިންމަވާފައިވާ މި ނިންމެވުމުގެ މައްޗަށް ކުރި ހޯދާނެކަމުގެ ޔަގީންކަންވެސް ފާރިޝްވަނީ މެންބަރުންނަށް ދެއްވާފައެވެ.

ފަސާދައާއި، ނާޖާއިޒު މަންފާ ހޯދުމަށް ހިންގޭ ސިޔާސީ މިފަދަ ހުތުރު ޢަމަލުތަކުން ސަލާމަތްކުރުމަށް، ޕާޓީގެ ލޮބުވެތި މެންބަރުންނާއި، އަދި ޕާޓީއަށް ހެޔޮ އެދިވަޑައިގަންނަވާ އެންމެހާ ފަރާތްތަކުން، ސާބިތުކަމާއެކު ދެމި ތިއްބަވައި، މި މުހިއްމު މަސައްކަތުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ދަޢުވަތު އަރުވާ ކަމަށްވެސް ފާރިޝްގެ ޓުވިޓުގައިވަނީ ވިދާޅުވެފައެވެ.

ފާރިޝްގެ އިތުރުން ރައީސް މައުމޫނުވެސް ވަނީ އިލެކްޝަން ކޮމިޝަނުން ޕާޓީ އުވާލަން ނިންމި ނިންމުމަކީ ކޮރަޕްޝަނުގެ އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މިކަމާއި ގުޅިގެން ވީނިއުސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕާޓީގެ ތަރުޖަމާން އަބްދުލްއަލީމް ވަނީ ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކުރުމަށްފަހު ފޯމްތައް އިލެކްޝަން ކޮމިޝަނަށް ހުށައަޅާފައިވާ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ގާނޫނަކުން 2005ގައި ދިނުމުން އެމަނިކުފާނު އުފެއްދެވީ ޑީއާރުޕީއެވެ. އެ ޕާޓީގެ ހިންގުމުގައި، އޭރު ހުންނެވި ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުމާ ހެދި އުފެއްދެވީ ޕީޕީއެމްއެވެ.

އޭގެ ފަހުން އެމްއާރްއެމް އުފެދުނީ ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުމުގެ ތެރެއިންނެވެ. ރައީސް މައުމޫނު އުފަންކުރި ތިންވަނަ ސިޔާސީ ޕާޓީކަމަށްވާ އެމްއާރްއެމްއަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި "މައުމޫން ރީފޯމް މޫވްމަންޓް"ގެ ނަމުގައިއުފެދުނު ސިޔާސީ ހަރަކާތެއްގެ ތެރެއިން އުފަންވި ޕާޓީއެކެވެ.