ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

ޕާޓީއަށް ހުއްދަދިންކަން ހާމަކުރުމަށްޓަކައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ތިން މަސް ދުވަހުގެ ތެރޭގައި މަދުވެގެން ތިންހާސް މީހުންގެ ފޯމު ހަމަކުރަންޖެހޭނެ ކަމަށެވެ.

ފޯމު ހުށަހަޅާއިރު އެ ފޯމަކީ ސައްޚަ ފޯމަކަށްވުމަކީ ލާޒިމު ކަމެއްކަން ހަބީބު ފާހަގަކުރެއްވިއެވެ.

ހަބީބް ވިދާޅުވީ ފޯމުތަކަކީ ސައްޚަ ފޯމުތަކެއްތޯ ކަށަވަރުކުރުމުގެ ގޮތުން ފުރަތަމަ 100 މީހުންނަށް ގުޅާ މައުލޫމާތު ޔަގީންކުުރުމަށް ފަހު 90 އިންސައްތަ މީހުން ފޯމު ފުރިހަމަ ކުރި ކަމަށް ބުނާނަމަ އެ ހިސާބުން ފޯމުތައް ކޮމިޝަނުން ބަލައިގަންނާނެ ކަމަށެވެ.

ފޯމުގަ އޮންނަ ސޮއިއާ އައިޑީކާޑުގައި އޮންނަ ސޮއިއާވެސް ބަލާނަން. ފިންގާޕްރިންޓްވެސް ސާފުކޮށް ޖަހާފަ ހުރިތޯވެސް ބަލާނަން. ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި 3000 މީހުން ހަމަކޮށް ކޮމިޝަނަށް ތިން މަސް ދުވަހުގެ ތެރޭގައި ހުށަހެޅުމަށް ފަހު ދެން އަޅުގަނޑުމެން ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ބާއްވާ ބައްދަލުވުން ބޭއްވުމަށް ދައުވަތު އަރުވާނަން."
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު

ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އީސީއަށް ހުށަހަޅާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ ނަމުގައެވެ.

ޕާޓީ އުފެއްދުމުގެ މަސައްކަތް ފެއްޓެވި ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ހަސަން ލަތީފް ވިދާޅުވީ، އައު ޕާޓީގެ ނަމަކީ "ދަ ޑިމޮކްރޭޓްސް" ކަމަށާއި، އައު ޕާޓީ ވެގެންދާނީ ޑިމޮކްރެސީގެ ހަމަތައް ހިފަހައްޓާނެ ޕާޓީއަކަށް ކަމަށެވެ. އުއްމީދަކީ ވީހާވެސް އަވަހަކަށް ޕާޓީ އުފެއްދުމަށް ކުރަންޖެހޭ އެންމެހާ ކަންކަންކޮށް ހަރަކާތްތައް ފެށުން ކަމަށް އޭނާ ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި "ދަ ޑިމޮކްރެޓްސް"ގެ ކެންޑިޑޭޓަކު ވާދަކުރާނެ ކަމަށާއި ކޯލިޝަން ހަދަން ޖެހިއްޖެނަމަ އެކަމުގެ މަޝްވަރާތައްވެސް ސިޔާސީ ފަރާތްތަކާއެކު ކުރާނެ ކަމަށެވެ.

ކުރީގެ ރައީސް ނަޝީދަށް ވަފާތެރި ރައްޔިތުން މަޖިލީހުގެ މެމްބަރުން އުފައްދަން މަސައްކަތް ކުރަމުންގެންދަވާ ޕާޓީއަށް ނަން ކިޔާފައިވަނީ އެކަމަށްޓަކައި އާންމުކޮށް ހުޅުވާލި ފުރުސަތުގައި އާންމުން ހުށަހެޅި ގިނަ އަދަދެއްގެ ނަންތަކަށް ބެލުމަށްފަހުކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

"ފިކުރެއްގެ ދިރުން" ހަަރަކާތުން އެ ނަމުގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނެރޭނެކަން ހާމަކޮށްފައިވަނީ މިމަހުގެ 17 ވަނަ ދުވަހު ބޮޑުފެންވަޅުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އައު ޕާޓީއެއް އުފައްދަން ނިންމައި، އެމްޑީޕީން ވަކިވެވަޑައިގަންނަވަން ނިންމަވާ، އިސްތިއުފާ ދެއްވި މެމްބަރުންނަކީ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި މުޙައްމަދު ވަހީދާއި އިމްތިޔާޒް ފަހުމީ (އިންތި)ގެ އިތުރުން ހަސަން ލަތީފާއި އިލްޔާސް ލަބީބާއި ޔާސިރު އަބްދުއްލަތީފާއި ހަސަން އަފީފާއި އިބްރާހީމް ރަޝީދު (ބޮންޑޭ)ގެ އިތުރުން ހުސެއިން ފިރުޝާނާއި ހަސަން ޝިޔާން އަދި މުޙައްމަދު ރަޝީދު އާއި ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރުއެވެ.

މީގެއިތުރުން އެސްޓީއޯގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން އަމްރުއާއި އެމްޑީޕީގެ ނައިބު ރައީސްގެ މަގާމުގައި ހުނެންވި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ މުހައްމަދު ޝިފާޒު ހިމެނިވަޑައިގަންނަވައެވެ. މި މެމްބަރުންގެ އިތުރުން، އެ ޕާޓީން ވަނީ އެ ޕާޓީގެ ޓިކެޓުގައި މަޖިލީހުގެ މެދު ހެންވެއިރު ދާއިރާގެ ގޮނޑިއަށް އިންތިޚާބުވި އަލީ އާޒިމް ޕާޓީން ވަކިކޮށްފައެވެ. އާޒިމް ޕާޓީން ވަކިކޮށްފައިވަނީ އެއް އަހަރުގެ މުއްދަތަކަށެވެ.

"ފިކުރެއްގެ ދިރުން" ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ގިނަ މެމްބަރުންތަކެއް އެ ޕާޓީން ވަކިވެވަޑައިގެންކަން އިއުލާނުކުރެއްވިއިރު، އެ ހަރަކާތް ލީޑުކުރައްވާ ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފައި ނުވެއެވެ.