ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، އިސްވެ އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އުވާލަން އިލެކްޝަން ކޮމިޝަން (އީސީ)އިން މިއަދު ނިންމައިފިއެވެ.
އެ ކޮމިޝަނުން އެމްއާރްއެމް އުވާލަން ނިންމީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވާތީ އެ އަދަދު ހަމަކުރުމަށް ދެ ފަހަރު ނޯޓިސް ދިނުމުންވެސް ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކޮށް ކޮމިޝަނަށް ހުށަހަޅާފައި ނުވާތީއެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެމްއާރްއެމްގައި ތިބި ކަމަށް ދައްކަނީ 2981 މެމްބަރުންނެވެ. ގާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވެވޭނީ 3000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.
މީގެ ކުރިން އީސީއިން ވަނީ 2022ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައިއާއި، މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެ ޕާޓީއަށް ނޯޓިސް ދީފައެވެ. ފެބްރުއަރީ މަހު ލިބުނު ނޯޓިސްއަށްފަހު އެމްއާރްއެމްއިން ވަނީ 3000 މެމްބަރުން ހަމަކޮށް ފޯމްތައް ފެބްރުވަރީ މަސް ތެރޭގައި ހެށަހަޅާފައެވެ.
ނަމަވެސް ދާދި ފަހުން ގިނަ އަދަދެއްގެ ބަޔަކު އެ ޕާޓީން ވަނީ ވަކިވެފައިވާއިރު، މެންބަރުން ހަމަނުވާ ޕާޓީތަކަށް ނޯޓިސް ދިނުމަށް ފަހު، ތިން މަސް ދުވަހުގެ ތެރޭގައި މެމްބަރުން ހަމަނުކުރެވިއްޖެނަމަ އީސީން ޕާޓީ އުވާލުމުގެ މަސައްކަތް ފަށާނެއެވެ.
އެމްއާރުއެމްއަކީ މައުމޫން އުފެއްދެވި ތިން ވަނަ ސިޔާސީ ޕާޓީ އެވެ. ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ގާނޫނަކުން 2005 ގައި ދިނުމުން އެމަނިކުފާނު އުފެއްދެވީ ޑީއާރުޕީއެވެ. އެ ޕާޓީގެ ހިންގުމުގައި، އޭރު ހުންނެވި ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުމާ ހެދި އުފެއްދެވީ ޕީޕީއެމްއެވެ.
އިލެކްޝަންސް ކޮމިޝަނުން އެމްއާރްއެމް އުވާލުމަށް ނިންމިއިރު އެ ޕާޓީއަކީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީ އެކެވެ. އަދި ވަޒީރުންގެ މަޖިލީހާއި ސަރުކާރުގެ އިސް މަގާމުތަކުގައިވެސް އެމްއާރްއެމްގެ ބޭފުޅުން އެބަތިއްބެވި އެވެ. ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ . އިބްރާހީމް ހަސަނާއި ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން އަކީ އެމްއާރްއެމްގެ ސްލޮޓްތަކުގައި ވަޒީރުކަން ކުރައްވާ ބޭފުޅުންނެވެ.