ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ތަހްރީކޭ އިންސާފް ޕާޓީ އުވާލުމަށް ވިސްނަމުންދާ ކަމަށް ޕާކިސްތާނު ސަރުކާރުން ބުނެފިއެވެ.
މިކަން ހާމަކޮށްފައިވަނީ ޕާކިސްތާނުގެ ނުފޫޒުގަދަ އަސްކަރިއްޔާގެ ވެރިޔާ ޑިފެންސް މިނިސްޓަރ ޚަވާޖާ އާސިފްއެވެ.
ތަހްރީކޭ އިންސާފް ޕާޓީ އުވާލަން ވިސްނާ ސަބަބެއް ކަމަށް ދިފާއީ ވަޒީރު ވިދާޅުވީ، އެ ޕާޓީ އިސްވެއޮވެ ދައުލަތަށް ހަމަލާތައް ދީފައިވާ މައްސަލައެވެ.
މިއީ، ޕާކިސްތާނު ފުލުހުން ދާދިފަހުން އިމްރާން ޚާން ހައްޔަރުކުރުމުން، އިމްރާން ޚާންގެ ސަޕޯޓަރުން މަގުތަކަށް ނުކުމެ ހިންގި ހަމަނުޖެހުންތަކުގެ ތެރޭގައި، އަސްކަރިއްޔާގެ ތަންތަނަށްވެސް ހަމަލާދީ ގެއްލުން ދީފައިވާ މައްސަލައެވެ.
ސިފައިންގެ މައި މަރުކަޒަށްވެސް އިމްރާން ޚާންގެ ސަޕޯޓަރުންގެ ހަމަލާތައް އަމާޒުވިއިރު، ސަރުކާރުގެ އިމާރާތްތަކަށްވެސް ގެއްލުން ދީފައި ވެއެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ދިފާއީ ވަޒީރު ޚަވާޖާ އާސިފް ވިދާޅުވީ، ތަހްރީކޭ އިންސާފު ޕާޓީން ދައުލަތުގެ ވަރަށް މުހިންމު ބިންގައުތަކަށް ހަމަލާ ދީފައިވާ ކަމަށާއި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ތަހްރީކޭ އިންސާފް ޕާޓީ އުވާލުމަށް ސަރުކާރުން ވިސްނާއިރު، ހަމަނުޖެހުންތަކުގައި ސިފައިންގެ ތަންތަނަށާއި، ސަރުކާރުގެ އިމާރާތްތަކަށް ގެއްލުންދިން މީހުން ހޯދައި، ސިފައިންގެ ގާނޫނުގެ ދަށުން ޓެރަރިޒަމްގެ ދައުވާ ކުރާނޭ ކަމަށް އަސްކަރިއްޔާއިން ބުނެފައި ވެއެވެ.
އަދި، ގެއްލުން ދިނުމުގައި ބައިވެރިވި މީހުންނަށް އިމްރާން ޚާން ހިމާޔަތް ދީފައިވާ ކަމަށްބުނެ، އެމީހުން ސަލާމަތީ ބާރުތަކާ ހަވާލުކުރުމަށްވެސް ގޮވާލާފައި ވެއެވެ.
މައްސަލަ ހޫނުވެގެންދިޔައީ، ކޮރަޕްޝަންގެ މައްސަލައެއްގެ ތަހްގީގަށް ކަމަށްބުނެ ޕާކިސްތާނު ފުލުހުން މެއިމަހުގެ 9 ވަނަ ދުވަހު އިމްރާން ޚާން ހައްޔަރުކުރުމާ ގުޅިގެންނެވެ. ފުލުހުން އިމްރާން ޚާން ހައްޔަރުކުރީ ޑޮކިއުމެންޓެއްގައި ސޮއި ކުރައްވަން އިސްލާމްއާބާދު ހައިކޯޓަށް ވަޑައިގަތްވަގުތުއެވެ.
ފަހުން، ޕާކިސްތާނު ސުޕްރީމް ކޯޓުން ބުނެފައިވަނީ، ފުލުހުން އިމްރާން ޚާން ހައްޔަރު ކޮށްފައިވަނީ ޣައިރުގާނޫނީ ގޮތެއްގައި ކަމަށެވެ.
ސުޕްރީމް ކޯޓުން މިހެން ބުނި ނަމަވެސް، އިމްރާން ޚާންގެ މައްޗަށް ތުހުމަތުކުރާ ކޮރަޕްޝަންގެ އިތުރު މައްސަލައެއްގައި ބަންދުކޮށް އަދި ފަހުން ވަގުތީގޮތުން މިނިވަން ކޮށްފައިވަނީ ބެއިލްގެ ދަށުންނެވެ.
ޕާކިސްތާނުގެ އެންޓި ކޮރަޕްޝަން އޭޖެންސީން އިއްޔެވެސް އިމްރާން ޚާންއާ ތިން ގަޑިއިރު ވަންދެން ސުވާލުކޮށްފައި ވެއެވެ.
އިމްރާން ޚާންގެ ތަހްރީކޭ އިންސާފް ޕާޓީން ބުނަނީ، އިމްރާން ޚާންއާ ދެކޮޅަށް ބަރިބަރިއަށް ދައުވާ އުފުލުމާއި، ހައްޔަރު ކުރުމާއި، ޕާޓީ އުވާލަން މަސައްކަތް ކުރަނީ މިއަހަރުގެ އޮކްޓޫބަރުމަހު އޮންނަ އާންމު އިންތިޚާބުގައި އޭނާއަށް ވާދަކުރިޔަ ނުދޭން ކަމަށެވެ.