ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވުމުން ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލަން ނިންމި ނިންމުމާ ގުޅިގެން ކޯޓަށް ދާން ޖެހިއްޖެ ކޯޓަށް ދާނެ ކަމަށް އެޕާޓީން ބުނެފިއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ އުފެއްދެވި އެމްއާރްއެމްއިން ބުދަ ދުވަހުގެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާޓީގެ ރައީސް އަހުމަދު ފާރިސް މައުމޫން ވިދާޅުވީ، މިކަން ހިނގާދިޔަ ގޮތާމެދު ސުވާލު އުފެދޭ އަދި ސާފުނުވާ އެތައް ކަމެއް އެބަހުރި ކަމަށެވެ.
ފާރިސް ވަނީ އިލެކްޝަންސް ކޮމިޝަންގެ ނިންމުން މުރާޖާކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
ފާރިސް ވިދާޅުވީ، މިމައްސަލާގައި ކޯޓަށް ދާންޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަން ކުރުމަށް ޤާނޫނީ ޓީމުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން، އޭނާވަނީ ސިޔާސީ ޕާޓީއެއް ދެމި އޮތުމުގައި ހަމަވާންޖެހޭ މެމްބަރުންގެ އަދަދާއި ސަރުކާރުން ޕާޓީތަކަށް ފައިސާ ދޫކުރުމުގައި ހަމަވާންޖެހޭ މެމްބަރުންގެ ވަކި އަދަދެއް އޮތުމަކީ ޤާނޫނީ ގޮތުން ބުރަދަނެއް ހުރި ކަމެއްތޯ ބެލުމަށް ހައިކޯޓަށް ދިއުމަށް ވިސްނަވާކަން ހާމަކުރައްވާފައެވެ.
ފާރިސް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވާ ނިންމެވުމަކީ، ކޮރަޕްޝަންގެ ނާޖާއިޒު ނުފޫޒު އެކުލެވިގެން، ޤާނޫނީ ތަރަހައިން ބޭރުން ނިންމަވާފައިވާ، ޒިންމާދުރުކަން ކުޑަ ނިންމުމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ މިކަމުން އަންގައިދެނީ، ޤައުމުގައި ފަސާދައާއި ކޮރަޕްޝަންގެ ވަކި ހިތްޕާލާފައިވާ މިންވަރާއި ޤައުމުގައި ޤާނޫނު ހިންގުމަށް ނުކުޅެދިފައިވާ މިންވަރު ކަމަށެވެ.
ފާރިސް ވިދާޅުވީ، މިކަމުގައި ޤާނޫނީ ތަރަހައިގެ ތެރެއިން ކުރެވެން ހުރި ކޮންމެ ކަމެއް ކުރައްވާނެ ކަަމަށެވެ.
އެމްއާރްއެމްއަކީ ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުމުގެ ތެރެއިން ރައީސް މައުމޫން ފެއްޓެވި ސިޔާސީ ހަރަކާތެއްގެ ތެރެއިން އުފަންވި ޕާޓީއެކެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި "މައުމޫން ރީފޯމް މޫވްމަންޓް" ގެ ނަމުގައި ސިޔާސީ ހަރަކާތެއް އެމަނިކުފާނު ހިންގެވިއެވެ.
އެމްއާރްއެމްއަކީ ރައީސް މައުމޫނު އުފަންކުރި ތިންވަނަ ސިޔާސީ ޕާޓީއެވެ.
ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ޤާނޫނަކުން 2005 ގައި ދިނުމުން އެމަނިކުފާނު އެންމެ ފުރަތަމަ އުފެއްދެވީ ޑީއާރުޕީއެވެ. އެ ޕާޓީގެ ހިންގުމުގައި، އޭރު ހުންނެވި ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުމާ ހެދި އުފެއްދެވީ ޕީޕީއެމްއެވެ.
އެމްއާރްއެމް އުފެއްދެވީ އޭގެ ފަހުންނެވެ.