ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި ބޭފުޅުންތަކެއް އުފައްދަން މަސައްކަތް ކުރައްވާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" އިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ލީޑްކުރައްވާ ސިޔާސީ ޕާޓީ މޯލްޑިވްސް ތާޑުވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގެ ކުލަ "ކަޓުވާލި" ކަމަށް ތުހުމަތުކޮށްފިއެވެ.
އެމްޓީޑީން ބުނީ، އެ ޕާޓީގެ ފަލްސަފާ އާއި ނަމާއި ފިކުރާއި ކުލައަކީ އަދީބު ދޫނިދޫޖަލުގައި ބަންދުކޮށްފައި ހުއްޓާ އަދީބު ހިޔާރުކުރެއްވި އެއްޗެހި ކަމަށެވެ.
ތާޑުވޭ ޑިމޮކްރެޓްސްގެ ނަން އަދީބު ހިޔާރު ކުރެއްވީ، ސެންޓްރިސްޓް ޑިމޮކްރެޓިކް ސިޔާސީ ފިކުރުތައް ފުރިހަމައަށް ގަބޫލުފުޅު ކުރައްވާތީ ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.
ޕާޓީގެ ކުލައެއްގެ ގޮތުން "ދަ ޑިމޮކްރެޓްސް" އިން ބޭނުންކުރާތަން ފެންނަނީ އެމްޓީޑީންވެސް ބޭނުންކުރާ ކަހަލަ މަޑު ނޫކުލައެކެވެ.
ނަމަވެސް، "ދަ ޑިމޮކްރެޓްސް" ގެ ކުލަ ރަސްމީކޮށް އަދި އިއުލާނެއް ނުކުރެއެވެ.
އެކަމަކު އީސީއާއެކު ބޭއްވި ބައްދަލުވުމެއްގައި "ދަ ޑިމޮކްރެޓްސް" ގެ ފަރާތުން ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ އެމްޓީޑީން ބޭނުންކުރާ ނޫ ޝޭޑަށް ނުވާނަމަ "ދަ ޑިމޮކްރެޓްސް" އަށް އެބޭފުޅުން ހުށަހެޅި ނޫކުލައިގެ ޝޭޑް ބޭނުންކުރުމުގެ ފުރުސަތު ދިނުމަށް އެދިވަޑައިގެންފައެވެ.
އަދި ސީދާ އެމްޓީޑީގެ ނަން ނުބުނި ކަމުގައިވިޔަސް "ކުދިކުދި ޕާޓީތަށް ފަނޑުވެގެންދާނެ" ކަމަށާއި "ދަ ޑިމޮކްރެޓްސް ވާނީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް" ކަމަށް އީވާ ވަނީ އީސީގައި ވިދާޅުވެފައެވެ.
ގިނަ ބަޔަކު އަންނަނީ މެމްބަރު އީވާގެ އެވާހަކަތަށް ފާޑުކިޔައި، ސިޔާސީ ޕާޓީއަކުން ބޭނުންކުރާ ރަސްމީ ކުލަ "ކަޓުވާލުމަކީ" އެއީ ޑިމޮކްރެސީތޯ ސުވާލު އުފައްދާފައެވެ.
ސިޔާސީ ޕާޓީ ޤާނޫނު ބުނާގޮތުން، ރަޖިސްޓްރީކުރެވިފައިވާ ޕާޓީއެއް ރަމްޒުކޮށްދޭ އެއްވެސް އެއްޗެއް، ފަހުން ރަޖިސްޓްރީ ކުރެވޭ ޕާޓީއަކަށް ރަޖިސްޓްރީކޮށްދީގެން ނުވާނެއެވެ.
އެމްޓީޑީގެ ކުލައަކީ ސްކައި ބްލޫއެވެ. އެކުލަ އެމްޓީޑީއަށް އިލެކްޝަން ކޮމިޝަނުގައި ރަޖިސްޓްރީކުރެވިފައި ވަނިކޮށް، މުޅިން އަލަށް އުފަންވާ އުމުރުން ދުވަހެއް ނުފުރޭ ޕާޓީއަކަށް ރަޖިސްޓްރީކޮށް ނުދެވޭނެ ކަމަށް ފާޑުކިޔާ ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.