މޯލްޑިވްސް ރިފޯމް މޫވްމަންޓް އުވާލަން ނިންމާފައިވާތީ އެ ޕާޓީގެ ދަރަންޏެއްވާނަމަ އެކަން އެންގުމަށް އިލެކްޝަން ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

އެމްއާރްއެމް އުވާލަން ކޮމިޝަނުން ނިންމާފައިވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވުމުގެ ސަބަބުންނެވެ.

ޕާޓީގެ ދަރަންޏެއްވާނަމަ 3322241 ނަންބަރު ފޯނަށް ގުޅުއްވުމަށް ނުވަތަ އިލެކްޝަން ކޮމިޝަނުގެ ރަސްމީ އީމެއިލް އެކައުންޓަށް މެއިލަކުން އެންގެވުމަށް ކޮމިޝަނުންވަނީ އެދިފައެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ އުފެއްދެވި އެމްއާރްއެމް އުވާލަން ނިންމީ މެންބަރުން ހަމަނުވުމުގެ ސަބަބުން ދެވަނަ ފަހަރަށް ނޯޓިސް ދިނުމަށްފަހުގައިކަމަށް އެނގިފައިވެއެވެ.

މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ދިން ނޯޓިސްގެ މުއްދަތު ހަމަވީ މިދިޔަ ބުދަ ދުވަހަށެވެ.

ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ގާނޫނަކުން 2005 ވަނަ އަހަރު ދިނުމުން ރައީސް މައުމޫނު އުފެއްދެވީ ޑީއާރުޕީއެވެ. އެ ޕާޓީގެ ހިންގުމުގައި، އޭރު ހުންނެވި ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުމާ ހެދި އުފެއްދެވީ ޕީޕީއެމްއެވެ.

މިކަމާއި ގުޅިގެން ޑީއާރުޕީގެ ދަރަންޏާއިމެދުވެސް ބޮޑު ކަންބޮޑުވުމެއް އޭރު އުފެދުނެވެ. އަދި ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައި ބުނާ އަދަދަށް މެންބަރުން ހަމަނުވެގެން ޑީއާރުޕީ އުވާލަން ނިންމުމާއިއެކު ދަރަންޏަށް ޒިންމާވާނީ ސިޔާސީ ޕާޓީގެ ގަވާއިދުގައި ވާގޮތުގެ މަތިން އެ ދަރަންޏެއް އުފެދުނުއިރު ޕާޓީގެ އެންމެ އިސްފަރާތެއްގެ ގޮތުގައި ހުންނެވި ފަރާތްކަމުގައި ކަނޑައަޅާފައިވާކަމަށް އޭރު ކޮމިޝަނުންވަނީ ބުނެފައެވެ.

އޭގެ ފަހުން އެމްއާރްއެމް އުފެދުނީ ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުމުގެ ތެރެއިންނެވެ. ރައީސް މައުމޫނު އުފަންކުރި ތިންވަނަ ސިޔާސީ ޕާޓީކަމަށްވާ އެމްއާރްއެމްއަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި "މައުމޫން ރީފޯމް މޫވްމަންޓް"ގެ ނަމުގައިއުފެދުނު ސިޔާސީ ހަރަކާތެއްގެ ތެރެއިން އުފަންވި ޕާޓީއެކެވެ.