އިސްރާއީލުން ގާޒާގައި ޤަވައިދާ ޚިލާފަށް ހިންގަމުންދާ އަމަލުތައް ހުއްޓުވުމަށް އޯއައިސީއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަދި ރާއްޖޭގެ ފަރާތުން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޚަލީލް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ އަލް-އަޤްސާ މިސްކިތަށް އިސްރާއީލުން މެދުނުކެނޑި ދެމުންގެންދާ ހަމަލާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި އޯއައިސީގެ މައި މަރުކަޒުގައި ބޭއްވި އެ ޖަމުޢިއްޔާގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް ކުއްލި ބައްދަލުވުމުގައި ތަގްރީރުކުރައްވަމުންނެވެ.

އެމަނިކުފާނުގެ ތަޤްރީރުގައި އެ އަމަލުތަކަކީ އދގެ ސަލާމަތީ މަޖިލީހާއި ޢާއްމު މަޖިލީހުގެ ޤަރާރުތަކާ ޚިލާފު އަމަލުތަކެއްކަން ބަޔާންކޮށް، އެ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވިއެވެ.

އަދި، އެ މަނިކުފާނުގެ ތަޤްރީރުގައި ދިވެހި ސަރުކާރާއި ރައްޔިތުން އަބަދުމެހެން ފަލަސްތީނުގެ ރައްޔިތުންނާއެކު ވާނެކަމުގައި ވިދާޅުވެ، ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަތުން ނިމުމަކަށް ގެނެސް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކޮށް، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރާ ހިސާބަށް އިސްރާއީލުން ފަހަތަށް ޖެހުމަށް ބާރުއަޅާ، ފަލަސްތީނުގެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް އޮންނަން ޖެހޭ ކަމުގައި ވިދާޅުވިއެވެ.

އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވަ އުދުވާނީ ސަލާމަތީ ބާރުތަކުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ރާއްޖެއިން އެންމެ ހަރުކަށި އިބާރާތުން މީގެ ކުރިންވެސް ވަނީ ކުށްވެރިކޮށްފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ދޭންފަށާފައިވާ މި ހަމަލާތައް ކުށްވެރިކޮށް ރާއްޖޭގެ ހާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ވަނީ އިސްރާއީލު ސިފައިންގެ މި އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ހިލާފު އަމަލުތަކެއް ކަމަށެވެ.

އަދި އިސްރާއީލުން ދޭ މިފަދަ ހަމަލާތަކުގެ ސަބަބުން ސަރަހައްދުގައި ސުލްހަމަސަލަސްކަން ގާއިމްކުރުމަށް ބައިނަލްއަގްވާމީގޮތުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅޭކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން، ފަލަސްތީނުގެ ރައްޔިތުން އެގައުމުގައި މިނިވަން ދައުލަތެއް ގާއިމު ކުރުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގައި ރާއްޖޭން އަބަދުވެސް ސާބިތުކަމާއެކު ދެމި އޮންނާނެކަމަށާއި އަދި މިކަމުގައި ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރުމުގައިވެސް ރާއްޖޭން އިސް ދައުރެއް އަދާކުރާނެކަން ހާރިޖިއްޔާގެ ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.