ޗައިނާގެ ޕިންގްޓަން ސިޓީ އަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމަށް ޙާއްޞަކުރެވިގެން ޗައިނާގައި ހިންގޭ ދެވަނަ އެންމެ ބޮޑު މަޝްރޫޢުކަން ކަމަށާއި އެހެންކަމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ތަޖުރިބާއިން ހިތްވަރު ހޯދާކަމަށް ޕިންގްޓަންގެ ވަފުދުގެ އިސްވެރިޔާ، ސީ.ޕީ.ސީ ވާރކިންގ ކޮމިޓީގެ ސެކްރެޓަރީ މިސްޓަރ ޖުން ލައި ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ ދިވެހިރާއްޖެއަށް ޒިޔާރަތްކުރަމުންދާ ޗައިނާގެ ޕިންގްޓަން ސިޓީގެ މަތީ ފަންތީގެ ވަފުދު މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު އާއި މާލޭ ސިޓީ ކައުންސިލްގެ އިސްބޭފުޅުންނާ އެކު ބޭއްވި މަޝްވަރާގެ ބައްދަލުވުމުގެ ތެރެއިންނެވެ.

ޕިންގްޓަން ކޮމްޕްރިހެންސިވް ޕައިލެޓް ޒޯން ތަމްޞީލުކުރާ މި ވަފުދަށް މަރްޙަބާ ދެންނެވީ މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ޗައިނާގެ ތިން ސިޓީއަކާއެކު މިހާރުވެސް މާލެ ސިޓީން ('ސިސްޓަރ ސިޓީ' އެއްބަސްވުމުގެ ދަށުން) ގާތް ގުޅުމެއް ބާއްވަމުންދާކަން ފާހަގަކަރައްވާ، ޕިންގްޓަން އަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމަށް ޚާއްޞަކުރެވިގެން ތަރައްޤީކުރެވެމުންދާ ތަނަކަށްވެފައި ދެސިޓީގައި އެއްގޮތް ގިނަ ކަންތައްތަކެއް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މާލެސިޓީ ކައުންސިލްގެ މައިގަނޑު މަސައްކަތްތަކާއި ތަޞައްވުރު ބަޔާންކުރައްވާ، ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިންވެސް ޗައިނާއިން ގިނަގުނަ އެހީތަކެއް މާލެސިޓީ ކައުންސިލަށް ފޯރުކޮށްދެމުންދާކަން އުފަލާއި ޝުކުރުވެރިކަމާއެކު ހާމަކުރައްވާފައެވެ.

ރާއްޖެއަށް ޒިޔާރަތްކުރުމުން ގިނަ ކަންތައްތަކެއް އެނގި، އޮޅުންފިލާ، ދަސްވިކަމަށް ޕިންގްޓަންގެ ވަފުދުގެ އިސްވެރިޔާ، ސީ.ޕީ.ސީ ވާރކިންގ ކޮމިޓީގެ ސެކްރެޓަރީ މިސްޓަރ ޖުން ލައި މިބައްދަލުވުމުގައި ވިދާޅުވިއެވެ. އަދި، މާލެ ސިޓީ ކައުންސިލާ ވަރަށް ގާތުން މަސައްކަތްކުރުމަށް އެބޭފުޅުން ޝައުޤުވެރިވާކަން ފާހަގަކުރެއްވިއެވެ.

އަދި، ސިޓީ ކައުންސިލްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހުރި ކަންކަން އޮޅުންފިލުއްވާ، އޭގައިވާ މުހިންމު ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި ޕިންގްޓަން ސިޓީން މާލެ ސިޓީ ކައުންސިލަށް އެހީތެރިކަމާ އެއްބާރުލުން ދޭން ތައްޔާރަށް ތިއްބެވިކަމަށް ބަޔާންކުރެއްވިއެވެ.

ޗައިނާ އާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުމަށް އަލިއަޅުއްވާލައްވާ މާލޭ ސިޓީގެ މޭޔަރ ވާހަކަފުޅު ދެއްކެވިއެވެ. 2013 އިން 2018އާ ދެމެދު، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވުނުކަން ފާހަގަކުރައްވާ ޑރ. މުޢިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން މިކަން ބަލައިގަންނަ ކަމަށާއި، ޗައިނާއާ ގާތުން މަސައްކަތްކުރުމަށް އަބަދުވެސް ޙާއްޞަ އިސްކަމެއް ދެއްވަމުންދާކަމަށެވެ.

ޕިންގްޓަން ސިޓީ އަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމަށް ޙާއްޞަކުރެވިގެން ޗައިނާގައި ހިންގޭ ދެވަނަ އެންމެ ބޮޑު މަޝްރޫޢުކަން ފާހަގަކުރައްވާ، މިސްޓަރ ޖުން ލައި ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ކާމިޔާބު ތަޖުރިބާއިން އެބޭފުޅުން ހިތްވަރު ހޯއްދަވައި މަޢުލޫމާތު އޮޅުންފިލުއްވާފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެސިޓީގެ އެކި ކަންކަން ތަރައްޤީކުރުމުގައި ބޭނުންކުރާ ވަޞީލަތްތަކާއި އުޞޫލުތަކުގެ މަޢުލޫމާތު ސިޓީ ކައުންސިލާ ޙިއްޞާކޮށް، ސިޓީ ކައުންސިލްގެ ޚިދްމަތްތައް ހަރުދަނާކުރުމަށް ޕިންގްޓަން އިން އެހީތެރިވެދެވިދާނެ ދާއިރާތައް ކަނޑައަޅުއްވަން ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

ޕިންގްޓަންގެ ވަފުދުގައި، އެސިޓީގެ ޚާރިޖީ ގުޅުންތަކާއި، ގެދޮރުވެރިކަން، މުނިސިޕަލް ޚިދްމަތްތައް، ފަތުރުވެރިކަން، ސަޤާފަތް އަދި މޫދު ކުޅިވަރު ފަދަ ދާއިރާތަކުގެ ކަމާބެހޭ ބޭފުޅުން ހިމެނިވަޑައިގެންފައެވެ.

މޭޔަރ ޑރ. މުޢިއްޒުގެ އަރިހުގައި މި ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝްގެ އިތުރުން ބައެއް ކައުންސިލަރުންނާއި، މާލެސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަދި ކަމާބެހޭ ކޮންސަލްޓަންޓުން ބައިވެރިވެވަޑައިގެންނެވިއެވެ.