ޑަބަލް ޓެކްސް ނެގުން ހުއްޓުވުމާއި ޓެކްސްއަށް މަކަރު ހެދުން ހުއްޓުވުމާ ދެކޮޅަށް ރާއްޖެ އާއި މެލޭޝިއާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މާލީ ވަޒީރު އިބްރާހިމް އަމީރު މެލޭޝިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މެލޭޝިއާގެ ޕާލިމެންޓް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މާލީ ވަޒީރު އިބްރާހިމް އަމީރެވެ. އަދި މެލޭޝިއާގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ ފޮރިން މިނިސްޓަރު އަހުމަދު މަސްލާން އެވެ.

މިކަން ހާމަކޮށް ދިވެހި ރާއްޖޭގެ މާލީ ވުޒާރާއިން ބުނީ މިފަދަ އެއްބަސްވުމެއްގެ ބޭނުމަކީ ދެ ގައުމުގެ ދެމެދު ކުރެވޭ މުއާމަލާތްތަކުގައި ތަކުރާރުކޮށް ޓެކްސް ނެގުން ހުއްޓުވައި ޓެކްސް ދައްކާ ފަރާތްތަކުގެ އިތުބާރާއި ޔަގީންކަން ހޯދުން ކަމަށެވެ.

މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމެންޓް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ދެގައުމުންވެސް ލަފާކުރެއެވެ.

ރާއްޖެއާ މެލޭޝިއާއާ ދެމެދު 2021 ވަނަ އަހަރު 122 މިލިއަން ޑޮލަރުގެ ވިޔަފާރިކޮށްފައިވާއިރު، މިދިޔަ އަހަރު އެ އަދަދު ވަނީ 227 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.

މިއީ ޑަބަލް ޓެކްސް ނެގުން ހުއްޓުވުމާއި ޓެކްސްއަށް މަކަރު ހެދުން ހުއްޓުވުމާ ދެކޮޅަށް ރާއްޖެއިން ބައިނަލްއަގްވާމީ ގައުމަކާއި ސޮއިކުރި 3 ވަނަ ފަހަރެވެ. އަދި އިތުރު ޤައުމުތަކާއެކު މިފަދަ އެއްބަސްވުންތައް ޤާއިމްކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.