ފުރަތަމަ ފަހަރަށް އޮސްޓްރޭލިއާގެ ހައިކޮމިޝަނުގެ އޮފީހެއް ރާއްޖޭގައި ހުޅުވައިފިއެވެ.

ރާއްޖޭގައި ހުންނަ އޮސްޓްރޭލިއާގެ ހައިކޮމިޝަން ގާއިމްކޮށްފައިވަނީ އަމީނީ މަގުގައި ހުންނަ ޖެން ހޮޓެލްގެ ފަސްވަނަ ފްލޯގައެވެ.

މިކަން ހާމަކުރައްވައި އޮސްޓްރޭލިއާގެ ހައިކޮމިޝަނުން ކުރި ޓުވިޓްގައި ބުނެފައިވަނީ ރާއްޖޭގައި އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް ގާއިމްކުރިއަސް ކޮންސިއުލާ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ޕޯސްޕޯޓާއި ވިސާ ފަދަ ހިދުމަތްތައް ދޭނީ ލަންކާގައި ހުންނަ ހައި ކޮމިޝަން މެދުވެރިކޮށް ކަމަށެވެ.

އެހެންނަމަވެސް މި ހިދުމަތްތައްވެސް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ހައިކޮމިޝަނުން މައުލޫމާތުދެއެވެ.

ފުރަތަމަ ފަހަރަށް އޮސްޓްރޭލިއާގެ ހައިކޮމިޝަނުގެ އޮފީހެއް ރާއްޖޭގައި ހުޅުވިފައިވުމުން އެކަމާއިމެދު އުފާކުރައްވާކަން ހާމަކުރައްވައި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވަނީ މިކަމުގެ ސަބަބުން ދިވެހިރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިވެ އައު އުސްމިންތަތަކަށް ދާނެ ކަމަށް ޔަގީން ކުރައްވާކަމަށް ވިދާޅުވެފައެވެ.

އޮސްޓްރޭލިއާގެ ހައިކޮމިޝަނެއް ރާއްޖޭގައި ޤާއިމުކުރުމަށް ނިންމަވާފައިވަނީ އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޕޯލް ވެސްލީ ސްޓެފަންސް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއިން ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1974 ވަނަ އަހަރުގައެވެ.