ޖުމްހޫރީ ޕާޓީގެ ކައުންސިލަށް ހުށަހަޅާފައިވާ ޗާގޯސް މައްސަލައިގެ ގަރާރަަށް ގޮތެއް މިއަދު ނިންމާނެ ކަމަށް އެޕާޓީން ހާމަކޮށްފިއެވެ.

މައުލޫމާތުލިބޭ ގޮތުގައި މިއަދު ބާއްވާ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ޗާގޯސް މައްސަލައިގަ ހުށަހަޅާފައިވާ ގަރާރަށް ބަހުސްކޮށް ގޮތެއް ނިންމުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.

މި ކައުންސިލް ބައްދަލުވުން 'ވީޓީވީ' އިން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު މެންދުރުފަހު 14:00ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ޗާގޯސް މައްސަލައިގެ ސްޓޭންޑެއް ނަގަން ނިންމާފަވާއިރު ރާއްޖެ އާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލާގައި ޖޭޕީ އާއި އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ހުރި ކަންބޮޑުވުންތައް ފާޅުކުރައްވައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އަށް ސިޓީފުޅެއްވެސް ވަނީ ފޮނުއްވާފައެވެ.

އެސިޓީފުޅަކީ، ޗާގޯސް މައްސަލާގައި ދިވެހި ސަރުކާރުން ޒަމާނުއްސުރެ ގެންގުޅެމުން އައި ސްޓޭންޑް ކުއްލިއަކަށް ބަދަލުކުރުމާއި ގުޅިގެން، ދިވެހިރާއްޖޭގެ ހާއްޞަ އިގްތިސާދީ ސަރަހައްދުން ބައެއް އުނިވުމުގެ ކަންބޮޑުވުން އޮތުމާއި، ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅާއި، ދިވެހި ޤައުމުގެ ޤާނޫނުއަސާސީގެ 3 ވަނަ މާއްދާއާ ފުށުއެރުންތަކެއް ހުރި ކަމަށް ޤަބޫލު ކުރެވޭތީ، މިމައްސަލާގައި ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގުތައް އެންމެ ފުރިހަމައަށް ހިމާޔަތް ކުރުމުގެ ނިޔަތުގައި ފޮނުވި ސިޓީއެއް ކަމަށް ޖޭޕީން މައުލޫމާތުދެއެވެ.

އަދި ކަނޑުގެ ސަރަހައްދުން ދިވެހިންނަށް ގެއްލުނު ބައި ހޯއްދެއްވުމަށް މި ތިއްބެވީ ނިކުމެވަޑައިގެން ކަމަށްވެސް ޖޭޕީގެ ކެންޑިޑޭޓް ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގެ ސަރަޙަައްދުން އެންމެ ކޮޑި އިންޗިއެއްވެސް ދިވެހީންނަށް ގެއްލޭގޮތަށް ނިންމާ އެއްވެސް ނިންމުމަކަށް އެމަނިކުފާނު ވެސް އަދި ޖުމްހޫރީ ޕާޓީން ވެސް ތާއީދެނުކުރާނެކަން އެމަނިކުފާނު ހާމަކުރައްވާފައިވެއެވެ.

އެހެންކަމުން އިޓްލޮސްގެ މި ޙުކުމާ ގުޅިގެން ދިވެހީންނަށް ގެއްލިގެންދިޔަ ކަނޑުގެ ސަރަޙައްދު އަނބުރާ ލިބޭނެ އެއްވެސް ގޮތެއް އޮތްތޯ ދިރާސާކޮށް، އެމަގަށް ދިވެހިރައްޔިތުންނާއެކު އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރުމަށް ނިކުންނަވާނެކަމުގެ ފުރިހަމަ ޔަގީންކަން ޤާސިމް ވަނީ ދެއްވާފައެވެ.