ކުރިއަށް އޮތް ފަސް އަހަރުގެ ފަތުރުވެރިކަމުގެ މާސްޓާ ޕްލޭން ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އިފްތިތާހުކޮށްފިއެވެ.

ކުރިއަށް އޮތް 5 އަހަރަށް އެކަށައަޅާ 5 ވަނަ ފަތުރުވެރިކަމުގެ މާސްޓާ ޕްލޭން އިފްތިތާހު ކޮށްދެއްވާފައިވަނީ ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމްއެވެ.

ފަސްވަނަ ފަތުރުވެރިކަމުގެ މާސްޓާޕްލޭނަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ތަރައްގީ ކުރުމަށްޓަކައި 2023ވަނަ އަހަރުން 2027 ވަނަ އަހަރުގެ ނިޔަލަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އެކުލަވާލާފައިވާ ސްޓްރެޓްޖިކް ޕްލޭންއެކެވެ.

މި މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދެވިފައިވަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ ހިލޭ އެހީގެ ދަށުންކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.

އޭޑީބީގެ އެހީއާއެކު އެކުލަވާލާފައިވާ މާސްޓާޕްލޭންގައި ޖުމްލަ 10 ކޮންސަލްޓަންޓުން މަސައްކަތްކޮށްފައިވާއިރު އޭގެތެރެއިން 8 ކޮންސަލްޓަންޓުން އައްޔަންކުރެވިފައިވަނީ ލޯކަލް ކޮންސަލްޓެންސީގެ އުސޫލުން ކަމަށް މިނިސްޓްރީން ހާމަކުރެއެވެ. އަދި ލީޑް އާއި މާކެޓިން އެންމެ ޕްރޮޑަކްޓް ޑިވެލޮޕްމަންޓް ކޮންސަލްޓަންޓް އައްޔަންކުރެވިފައިވަނީ އިންޓަނޭޝަނަލް ކޮންސަލްޓެންސީގެ އުސޫލުން ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

ފަސްވަނަ ޓޫރިޒަމް މާސްޓާ ޕްލޭންގައި ހާސިލްކުރަން ބޭނުންވާ 15 އަމާޒެއް ކަނޑައަޅާފައިވާއިރު އޭގެތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅަކުގެ ރަށްރަށުގެ މީހުންނަށް ފަތުރުވެރިކަމުގެ ސަބަބުން ލިބޭ މަންފާ އިތުރުކުރުމާއި ރާއްޖޭގައި ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި ހިއްސާކުރެވޭ މައުލޫމާތުތަކަކީ ރާއްޖެއަށް ޝައުގުކުރުވަނިވި ސިފަތައް އެންމެ ފުރިހަމައަށް ސާފުކޮށް ދޭހަވާނެފަދައިން ހިއްސާކުރެވޭ މައުލޫމާތުތަކެއްކަމުގައި ހެދުމަށް މަސައްކަތްކުރުން ހިމެނެއެވެ.

އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ތަފާތު އައު އުފެއްދުންތަކާއި ތަޖުރިބާތައް ތައާރަފްކުރުމާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޝާމިލުވާ އެންމެހާ ފަރާތްތަކުގެ މޫސުމަށް އަންނަ ބަދަލުތައް ރައްކާތެރިވެ ރާއްޖޭގެ ގުދުރަތީ ހަޒާނާތްތައް ހިމާޔަތްކުރުމަށް މަސައްކަތްކުރުން މި ޕްލޭންގައި ހިމެނެއެވެ.

ރާއްޖޭގައި ފަތުރުވެރިކަމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އިއާދަކުރުވަނިވި ހަކަތައިގެ ނިޒާމްތައް ގާއިމްކޮށް ހަކަތަ ރައްކާތެރިކުރުމަށް އިސްކަންދީ ހަކަތައިން ތިމާވެށްޓަށް ކުރާ އަސަރުގެ ނެޓް ރީޒޯ ހާސިލްކުރުމަށް މަސައްކަތް ކުރުމާއި އެންމެހާ ފަތުރުވެރިންނަށް ޒަމާނީ ފެންވަރުގެ ދަތުރުފަތުރުގެ ހިދުމަތް ކަށްވަރުކޮށްދިނުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްތެރިން ދަމަހައްޓައި މަސައްކަތްތެރިން މި ސިނާއަތަށް ޝައުގުވެރިކުރުވުން ވެސް ހިމެނެއެވެ.