ޖުމްހޫރީ ޕާޓީގެ ކައުންސިލަށް ހުށަހަޅާފައިވާ ޗާގޯސް މައްސަލައިގެ ގަރާރު ކައުންސިލްގެ ފުރިހަމަ އަޣުލަބިއްޔަތުން ފާސްކޮށްފިއެވެ.
މިގަރާރު ކައުންސިލަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަލީ ހުސައިންއެވެ. ގަރާރަށް ތާއީދުކުރެއްވީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމެވެ.
މި ގަރާރަށް ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްވަނީ ފުރިހަމައަށް ތާއީދު ކުރައްވާފައެވެ.
ޗާގޯސް މައްސަލައި އިޓްލޮސްއިން ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލޭގޮތައް ނިންމާފައިވާ ނިންމުމާއިމެދު ޖުމްހޫރީ ޕާޓީގެ ފަރާތުން ޕާޓީގެ ކައުންސިލަށް އަލީ ހުސައިން ހުށައެޅުއްވި ގަރާރުގައިވަނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ހާއްސަ އިގްތިސާދީ ސަރަހައްދުގެ ގޮތުގައި ރާއްޖެއަށް ލިބިދީފައިވާ 200 ނޯޓިކަލް މޭލުގެ ސަރަހައްދުގެ ތެރެއިން އިޓްލޮސްއިން ނިންމި ނިންމުމުގެ ސަބަބުން 45،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ގެއްލިފައިވާކަމަށް ބުނެފައެވެ.
އިޓްލޮސްގެ ނިންމުމުގައި ރައީސުލްޖުމްހުރިއްޔާ މޮރިޝަސްގެ ރައީސަށް ފޮނުއްވި ސިޓީފުޅު ބޮޑު ދައުރެއް އަދާކޮށްފައިވާކަން ސާފުކޮށް ބަޔާންވެފައިވާތީ ރައީސްގެ މި އަމަލަކީ ގާނޫނުއަސާސީއާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނާއި ހިލާފަށް ކުރެއްވި އަމަލަކަށްވާތީ މަޖިލީހުގެ ގައުމީ ސަލާމަތާއިބެހޭ ކޮމިޓީން މިމައްސަލަ ބެއްލެވުމަށް ގަރާރުގައިވަނީ ގޮވާލާފައެވެ.
މީގެ އިތުރުން ކަނޑުގެ ސަރަހައްދު އެއްވަރަކަށް ބަހާލަން ބަންޑާރަ ނައިބު ނިންމާފައިވުމަކީ އިހުމާލެއްކަން ފާހަގަކުރައްވައި މިކަމާއި ގުޅޭގޮތުން ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްވެސް ގޮތް ނިންމަވައި މީގެކުރިން އެކަން ރައްޔިތުންނަށް ހިއްސާ ކުރައްވާފައިވާތީއާއި ރާއްޖޭގެ ސަރަޙަައްދުން އެންމެ ކޮޑި އިންޗިއެއްވެސް ދިވެހީންނަށް ގެއްލޭގޮތަށް ނިންމާ އެއްވެސް ނިންމުމަކަށް އެމަނިކުފާނުވެސް އަދި ޖުމްހޫރީ ޕާޓީންވެސް ތާއީދު ނުކުރާނެކަން އެމަނިކުފާނު ހާމަކުރައްވާފައިވާތީ އަދި މި މައްސަލައިގައި އިޓްލޮސްއަށް އެމަނިކުފާނު ސިޓީފުޅެއްވެސް ފޮނުވާފައި ވާކަން ގަރާރުގައިވަނީ ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން ރައީސް ސާލިހް، މޮރިޝަސްގެ ރައީސަށް ފޮނުއްވި ސިޓީފުޅު ހާމަކުރުމަށް ގަރާރުގައި ގޮވާލާފައި ވެއެވެ. އަދި ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި މައްސަލަ އިސްތިއުނާފު ކުރާނެކަމުގެ ޔަގީންކަން ދީފައި ވެއެވެ.
ހުކުމުގެ ސަބަބުން ރާއްޖެއަށް ގެއްލުނު ކަނޑުގެ ސަރަހައްދު އަދިވެސް އަނބުރާ ހޯދިދާނެކަމަށް ރާއްޖޭގައި ތިއްބެވި ގާނޫނީ ފަންނުގެ ބޭފުޅުން ދެކެވަޑައިގަންނަވައެވެ.
މި މައްސަލައާއި ގުޅިގެން ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް ހިޔާނާތްތެރިވެފައިވާތީ ބަނޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މަގާމުން އަޒުލްކުރުމުގެ މަސައްކަތް އިދިކޮޅު ޕާޓީތައް ހިމެނޭ އިއްތިހާދުން މިހާރު އަންނަނީ ކުރަމުންނެވެ.
ރައީސުލްޖުމްހުރިއްޔާ މޮރިޝަސްގެ ރައީސަށް ފޮނުއްވިކަމަށް ބުނާ ސިޓީ ސަރުކާރުން އަދިވެސް ހާމަކޮށްފައިނުވާއިރު ސިޔާސީ ފަރާތްތަކާއި އާއްމު ރައްޔިތުން އަންނަނީ ގޯހެއް ހަދާފައި ނުވާނަމަ ސިޓީ އާއްމު ނުކުރެވިގެން އުޅެނީ ކީއްވެތޯ ސުވާލު އުފައްދަަވައި ރައްޔިތުންގެ މަސްލަހަތު އޮތް ބޮޑު ކަމެއްގައި ދެފުށްފެންނަ އުސޫލުގެ ތެރެއިން ސިޓީ އާއްމުކުރުމަށް ގޮވާލަމުންނެވެ.