ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މެއި ހަވަނަ ދުވަހު ދިން ބޮމުގެ ހަމަލާގެ ތުހުމަތު ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ އިސްތަށިފުޅުގައި އަޅުވާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ސަރުކާރުން ދީފިއެވެ.

ސަރުކާރުގެ ފަރާތުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ މަޖިލީހުގައި އެވާހަކަ ދައްކަނީ ގާނޫނުގެ ދަށުން ލިބިވަަޑައިގަންނަވާ އިމްތިޔާޒްގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރައްވައިގެން ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި މަޖިލީހުގައި ދައްކާ ވާހަކަތަކަށް ގާނޫނީ ފިޔަވަޅު ނޭޅޭނެ ކަން އެނގިވަޑައިގެން ތިއްބަވައި ސާބިތު ކޮށްދެންޖެހޭފަދަ ޕްލެޓްފޯމެއްގައި އެފަދަ ވާހަކަތައް ނުދައްކަވަނީ ކީއްވެތޯ މިއުވާން ސުވާލު އުފެއްދެވިއެވެ.

" މަޖިލީހުން ބޭރުގައި އިމްތިޔާޒް ލިބިދޭ ތަނެއްގެ ބޭރުގައި އެފަދަ ވާހަކައެއް ދައްކައި ރައްޔިތުންގެ ތެރޭގައި ބައިބައިވުން އުފައްދާ ނަމަ މުއައްސަސާތަކަށް ހުށައަޅައިގެން ފިޔަވަޅު އަޅާނަން"
ސަރުކާރުގެ ތަރުޖަމާން މިއުވާން މުހައްމަދު

މިއުވާންވަނީ ބޮމުގެ ހަމަލާގެ ތުހުމަތު ރައީސްގެ އިސްތަށިފުޅުގައި އަޅުވަނީ ވަކި ބަޔަކަށް ގެއްލިފައިވާ ސިޔާސީ ތާއީދު އަނބުރާ ހޯދުމުގެ ގޮތުން ކަމަށް ތުހުމަތު ކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދަނޑުވެރިންގެ ސަބްސިޑީ އަލުން އިޔާދަކޮށްދިނުމަށް ގޮވާލާ ހުށައެޅި ގަރާރުގެ ބަހުސްގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގައި ރައީސް ނަޝީދަށް ތާއީދުކުރައްވާ މެމްބަރުންވަނީ ނަޝީދަށް އަމާޒުކޮށް ބޮމުގެ ތިން ހަމަލާއެއް ދޭން އުޅުނު ކަމުގެ މައުލޫމާތު ހަމަލާ ދިނުމުގެ ކުރިން ސަރުކާރަށް ލިބިފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.

2021 ވަނައަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެރޭ ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެއިން ނުކުމުވަޑައިގެން ނީލޯފަރު ހިނގުމުން މަޖީދީމަގާވީ ކޮޅަށް ހިންގަވާފައި ވަޑައިގެން، ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ބޮމެއް ގޮއްވާލުމާ ގުޅިގެން އެމަނިކުފާނަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިފައެވެ.

ފުލުހުން ހިއްސާކުރި މައުލޫމާތަށް ބަލާއިރު، މެއި ހައެއްގައި ހަމަލާ ދިން މީހުން، ރައީސް ނަޝީދު އަވަހާރަ ކޮށްލަން ތިން ފަހަރެއްގެ މަތިން މަސައްކަތްކޮށްފައިވެއެވެ.