ފްރަންޓްލައިން ސިވިލް ސަރވިސް މަސައްކަތްތެރިންނަކީ، ޚިދުމަތުގެ ޕްރޮސެސްތައް ހަރުދަނާކޮށް، ރައްޔިތުންނަށް އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ތިބޭ އެހެން ފަރާތްތަކަށް ނަމޫނާ ބަޔަކަށް ވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެދިވަޑައިގެންފިއެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ގަވަމެންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ޕްރޮގްރާމް (ޖީއީއީޕީ) ގެ ދަށުން ސަރުކާރުގެ ޚިދުމަތުގެ ވޯކްސްޓްރީމްގެ ދަށުން ކުރިއަށް ގެންދިޔަ "ޓްރެއިން ދަ ޓްރެއިނާސް" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން، ނައިބް ރައީސް ވަނީ، ޕަބްލިކް ސެކްޓަރ ކުރިއެރުވުމުގައި ޔޫ.އޭ.އީ.ގެ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މީގެއިތުރުން، އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ، ޔޫއޭއީގެ ތަޖުރިބާއިން އުނގެނުމުގެ އަގުހުރި ފުރުޞަތު ޤަބޫލުކުރައްވައި، ޢާންމު ޚިދްމަތް ފޯރުކޮށްދިނުމާއި، ޕަބްލިކް ސެކްޓަރ އިޞްލާޙުކުރެއްވުމަށް މި ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ.

ފަންސާސް ބައިވެރިން ކާމިޔާބުކަމާއެކު "ޓްރެއިން ދަ ޓްރެއިނާސް" ޕްރޮގްރާމް ނިންމާލާފައިވާއިރު، މި ޕްރޮގްރާމުގައި ސަރުކާރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ކަންކަން ކުރިޔަށް ގެންދާނެ ގޮތާގުޅިގެން، އެންމެފަހުގެ ތިއަރީތަކާއި ކޮންސެޕްޓްތަކާއި ބެސްޓް ޕްރެކްޓިސްތަކާއި ޓެކްނިކްސްގެ ފުރިހަމަ ތަމްރީނުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުނީ ސިވިލް ސަރވިސް ކޮމިޝަން (ސީ.އެސް.ސީ.) އާއި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް (ސީ.އެސް.ޓީ.އައި.) އާއި ފޮރިން ރިލޭޝަންސް އޮފީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް އެޑްމިނިސްޓްރޭޝަން ރިފޯމް ޑިވިޝަން ގުޅިގެން ކޮށްފައިވާ މަސައްކަތުންކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.