ބ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އެ އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބޭއްވި ފުޓްސަލް މުބާރާތް، "ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާ 2023" މުބާރާތުގެ ދެ ޑިވިޝަނުން ޗެމްޕިއަންކަން ހޯދި އޭދަފުއްޓާއި ގޮއިދޫއިން އެ އަތޮޅުގެ ފުޓްސަލްގެ ރަސްކަމުގެ ތަހުތައް އިސްވެއްޖެއެވެ.

ދަރަވަންދޫގައި ބޭއްވި މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ގޮއިދޫއިންނެވެ. މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ އޭދަފުށިންނެވެ.

މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ވާދަކުރީ ގްރޫޕް އޭގެ އެއްވަނަ، ދަރަވަންދޫއާއި ގްރޫޕް ބީގެ އެއްވަނަ ގޮއިދޫއެވެ. މި ދެ ޓީމުން ފައިނަލަށް ދަތުރުކުރީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުނުއިރު، ގޮއިދޫ ފާހަގަކުރެވުނީ ފޭވަރިޓުންގެ ގޮތުގައެވެ. ކުޅުނު އެއްވެސް މެޗަކުން އެ ޓީމު ބަލިނުވާއިރު، ބައިކޮޅަށް ލަނޑެއް ވެސް ވަދެފައެއް ނުވެއެވެ. އަނެއްކޮޅުން އެ ޓީމުން ވަނީ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުނުއިރު ތިން މެޗުން 29 ލަނޑު އެ ޓީމުން ކާމިޔާބުކޮށްފައިވެއެވެ.

ފައިނަލުގައި ދަރަވަންދޫއާ ދެކޮޅަށް ކުޅެ އެ މެޗު ގޮއިދޫގެ ކަނބަލުން ކާމިޔާބުކުރީ 0-9 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ. މިއާއެކު މުބާރާތުގައި ގޮއިދޫ ޓީމުން ޖެހި ޖުމްލަ ލަނޑުގެ އަދަދު ވަނީ 42 އަށް އަރާފައެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، މެޗުގައި ހަ ލަނޑު ޖަހައި ޑަބަލް ހެޓްރިކް ހެދި މައީޝާ އަބްދުލް ހަންނާނުއެވެ. ޖުމްލަ 19 ލަނޑާއެކު މައިޝާ އަކީ މުބާރާތުގެ ޓޮޕް ސްކޯރަރ ވެސް މެއެވެ. ފައިނަލް މެޗުގައި މައީޝާގެ އިތުރުން ދެން ގޮއިދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ފިރުޝާނާ ނަސީރުއާއި ޝާނިޔާ އަހްމަދު ނިޒާމްއެވެ. އެ ޓީމުގެ އެއް ލަނޑަކީ ދަރަވަންދޫގެ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ގޮއިދޫއިން އަދި ރަނަރަޕް ކަން ދަރަވަންދޫއިން ހޯދިއިރު، އަންހެން ޑިވިޝަނުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ، މައީޝާ، ފިރުޝާނާ އަދި ދަރަވަންދޫގެ އައިމިނަތު މައިހާ އަދި ސަޖުވާ އިބްރާޙިމް ރަޝީދުގެ އިތުރުން މާޅޮހުގެ ފަރާ އަހްމަދުއެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ގޮއިދޫގެ މައީޝާ އެވެ. އަންހެން ޑިވިޝަނުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ، ހިތާދޫގެ ސިޔާދާ އުސްމާނެވެ. ފެއާ ޕްލޭ ޓީމަކީ ގޮއިދޫއެވެ.

އަންހެން ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިޔާ، މައީޝާއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އިނާމު ހަވާލުކޮށްދެއްވަނީ
އެންމެ މޮޅު ފަސް ކުޅުންތެރިން

ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާ 2023 ގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން އޭދަފުށިން ހޯދީ، ފައިނަލުގައި ހިތާދޫ ބަލިކޮށްގެންނެވެ.

ފައިނަލް މެޗުގެ ފުރިހަމަވަގުތުގެ ކުޅުން ހަމަވިއިރު ދެ ޓީމު އޮތީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އޭދަފުށީގެ ލަނޑުތައް އިޝާން ޝާހީ މޫސާ އާއި އަލީ ނަސީމް ކާމިޔާބުކޮށްދިންއިރު، ހިތާދޫގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ހުޒައިފަތު ރަޝީދު (ހުޒޭ) އެވެ.

ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، އޭދަފުށިން ޗެމްޕިއަންކަން ހޯދީ ޕެނަލްޓީ ޝޫޓްއައުޓް 1-3 އިން ކާމިޔާބުކޮށްގެންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑު ހޯދީ ހިތާދޫގެ ކެޕްޓަން ހުޒެއިފަތު ރަޝީދެވެ.

ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިޔާ، ހުޒެއިފަތުއާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އިނާމު ހަވާލުކޮށްދެއްވަނީ

ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ، ހުޒެއިފަތުގެ އިތުރުން ހަމަ އެ ޓީމުގެ ސާޖިދު ރަޝީދުއާއި އޭދަފުށީގެ އަފްޒަލް އިބްރާޙީމާއި އުނެއިސް ޒުބެއިރު އަދި ދަރަވަންދޫގެ ހުސެއިން ނާސިފްއެވެ. އެންމެ އުއްމީދީ ކުޅުންތެރިޔަކީ ކިހާދޫގެ އަހްމަދު އާހިން އާމިރުއެވެ.

އެންމެ މޮޅު ފަސް ކުޅުންތެރިން

ފިރިހެން އަދި އަންހެން ޑިވިޝަން ވަކިން ބޭއްވި މި މުބާރާތުގައި ބ. އަތޮޅުގެ 10 ރަށަކުން ޖުމްލަ 16 ޓީމު ބައިވެރިވެއެވެ. އެއީ ފިރިހެން ޑިވިޝަނުގައި އަށް ޓީމު އަދި އަންހެން ޑިވިޝަނުގައި ވެސް އަށް ޓީމެވެ.

ދެ ޑިވިޝަނުގެ ވެސް ޗެމްޕިއަން ޓީމަށް، ކޮންމެ ޓީމަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު، ރަނަރަޕް ޓީމުތަކަށް، ކޮންމެ ޓީމަކަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވެއެވެ.

އެންމެ މޮޅު ފަސް ކުޅުންތެރިން

ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާގެ ހުރިހާ މެޗެއްގެ ވެސް އެންމެފަހުގެ މައުލޫމާތުތައް ވީނިއުސް އިން ގެނެސްދީފައިވާއިރު، ފައިނަލް މެޗުތައް ވީޓީވީ މެދުވެރިކޮށް، ވަގުތުން ދުރަށް ދައްކާފައިވެއެވެ.