އަންނަ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް 8 ގައުމެއްގެ 9 ސިޓީގައި ވޯޓުލާ މަޒުކަޒު ގާއިމްކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އީސީން ބުނީ، އެ ކޮމިޝަނުން ވޯޓުލާ މަރުކަރު ގާއިމްކުރުމަށް ނިންމާފައިވަނީ، އިންޑިޔާގެ ޓްރިވެންޑްރަމް، ނިއުދިއްލީ، ސްރީލަންކާގެ ކޮލަމްބޯ، މެލޭޝިޔާގެ ކުއަލަ ލަމްޕޫރު، ސިންގަޕޫރު، އިނގިރޭސިވިލާތުގެ ލަންޑަން، ތައިލެންޑުގެ ބެންގކޮކް، އެކުވެރި ޢަރަބި އިމާރާތުގެ އަބޫދާބީ އަދި ޖަޕާނުގެ ޓޯކިޔޯގައި ކަމަށެވެ.

ރިޔާސީ އިންތިހާބުގައި، ރާއްޖޭން ބޭރުގައި ދިރިއުޅޭ، ވީހާވެސް ގިނަ ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން 8 ގައުމެއްގެ 9 ސިޓީގައި ވޯޓުލާ މަޒުކަޒު ގާއިމްކުރުމަށް ނިންމާފައިވީ ނަމަވެސް ވޯޓުލާ މަރުކަޒު ގާއިމްކުރާނީ، އެ ގައުމެއް ނުވަތަ ސިޓީގައި ވޯޓުލުމަށް 150 މީހުން ރަޖިސްޓްރީކޮށްފިނަމަ ކަމަށް އީސީން ބުނެއެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ރަޖިސްޓްރީ އީސީން އާއްމުކުރީ މޭމަހުގެ 2 ވަނަ ދުވަހުއެވެ.

ރަޖިސްޓްރީގައި ވާގޮތުން، ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،755 މީހުންނަށް ލިބެއެވެ. އޭގެ ތެރޭގައި ތެރޭގައި ހިމެނެނީ 144،408 ފިރިހެނުންނާއި، 138،347 އަންހެނުންނެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ސެޕްޓެމްބަރު 30 ގައި ދެވަނަ ބުރުގެ ވޯޓުލުން ބާއްވަންވެސް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް ހާމަކޮށްފައިވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، އެމްއެންޕީގެ ފަރާތުން ކުރީގެ ދިފާއީ ވަޒީރު މުހައްމަދު ނާޒިމެވެ.

އަދި ބައެއް މިނިވަން ކެންޑިޑޭޓުންވެސް އުޅުއްވައެވެ.

ޕީޕީއެމްގެ ފަރާތުން ރައީސް އަބްދުﷲ ޔާމީންވެސް އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އެ ޕާޓީން ބުނަމުންދާއިރު، ޖަލު ހުކުމެއް ތަންފީޒު ކުރަމުންގެންދަވާ ރައީސް ޔާމީނަށް މި އިންތިހާބުގައި ވާދަކުރެއްވޭނެތޯ ނުވަތަ ނޫންތޯ އަދި ސާފެއް ނުވެއެވެ.

މީގެއިތުރުން، އަލަށް އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ދަ ޑިމޮކްރެޓްސްގެ ފަރާތުންވެސް ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނެރޭނޭ ކަމަށް، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ވިދާޅުވެއެވެ.