ޔޫކްރެއިންގެ ތެރެއިން، ސަރަހައްދީ އިން ހުރަސްކޮށް ރަޝިޔާގެ ރަށްތަކަށް ހަމަލާދޭ މީހުންނަށް ވަރަށް ވަރުގަދައަށް ރައްދު ދޭނޭ ކަމަށް ވިދާޅުވެ ރަޝިޔާގެ ދިފާއީ ވަޒީރު ވަރުގަދަ އިންޒާރުތަކެއް ދެއްވައިފިއެވެ.
ރަޝިޔާގެ ދިފާއީ ވަޒީރު ސަރްގެއި ޝޮއިގު މިފަދައިން އިންޒާރު މިދެއްވީ، ޔޫކްރެއިނާ އިންވެގެން އޮންނަ ރަޝިޔާގެ ރަށްތަކަށް ހޯމަދުވަހުން ފެށިގެން ވަރުގަދަ ހަމަލާތަކެއް ދެމުންގެންދާ މައްސަލައިގައެވެ.
ބަރު ހަތިޔާރު ބޭނުންކޮށްގެން ހަނގުރާމަވެރި ގްރޫޕްތައް، ރަޝިޔާގެ ރަށްތަކަށް ވަދެ ދޭންފެށި ހަމަލާތައް ހުއްޓުވައި ހަނގުރާމަވެރިން ބަލިކޮށްފައިވާ ކަމަށް ރަޝިޔާ ސަރުކާރުން ބުނި ނަމަވެސް، ބެލްގޮރޯޑް ރީޖަނަލް ގަވަރްނަރ ވިޔަޗެސްލާވް ގްލަކޯވް މިއަދު ވިދާޅުވީ، ރޭގައިވެސް އެތައް ތަނަކަށް ޑްރޯން ހަމަލާތައް ދީފައިވާ ކަމަށެވެ.
ބައެއް ޑްރޯންތައް އެއަރ ޑިފެންސުން ވައްޓާލި ނަމަވެސް ހަމަލާތަކުގެ ސަބަބުން ބައެއް ގެއްލުންތައް ލިބިފައިވާ ކަމަށް ގަވަރްނަރ ވިދާޅުވިއެވެ.
ބެލްގޮރޯޑް ސިޓީގެ އިތުރުން، ބޮރިސޯވްކާ އަދި ބްރިޔަންސްކް ސިޓީއަށް އަމާޒުވި ހަމަލާތަކުގައި ވެހިކަލްތަކާއި، އާންމުންގެ ގެތަކާއި އަދި ސަރުކާރުގެ އިދާރީ އޮފީސްތަކަށްވެސް ގެއްލުންތައް ލިބިފައިވާ ކަމަށް ގަވަރްނަރ ވިދާޅުވިއެވެ.
ގްރޭވޮރޮން އަވަށުގެ ގޭސް ހޮޅިއަކަށް ހަމަލާއެއް އަމާޒުވެ، އަލިފާން ރޯވިކަމަށްވެސް ބެލްގޮރޯޑް ރީޖަނަލް ގަވަރްނަރ ވިޔަޗެސްލާވް ގްލަކޯވް ވިދާޅުވިއެވެ.
މި ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށް ގަވަރްނަރ ވިދާޅުވިއެވެ.
ހަނގުރާމަވެރިންގެ ހަމަލާތައް އަމާޒުވުމުން، ޔޫކްރެއިނާ އިންވެގެން އޮންނަ ރަޝިޔާގެ އަވަށަކުން މީހުން ހުސްކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ބެލްގޮރޯޑް ސިޓީއާއި، އެ ރީޖަން ހަމަލާތައް ދެނީ ޔޫކްރެއިނުން ކަމަށް ރަޝިޔާއިން ބުނި ނަމަވެސް، އެ ވާހަކަތައް ޔޫކްރެއިނުން ދޮގު ކުރެއެވެ.
އެކަމަކު، ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިންގެ ވެރިކަމާ ދެކޮޅު ރަޝިޔާގެ ޕެރަމިލިޓަރީ ދެ ގްރޫޕަކުންވަނީ، ހަމަލާތަކުގައި ފަހަތުގައި ތިބީ އެމީހުން ކަމަށް ބުނެފައެވެ.
ރަޝިޔާގެ ދިފާއީ ވަޒީރު ސަރްގެއި ޝޮއިގު ވިދާޅުވީ، ރަޝިޔާގެ ތެރެއަށް ވަދެގަތް ޔޫކްރެއިންގެ ހަނގުރާމަވެރިންގެ 70 އަށްވުރެ ގިނަމީހުން މަރާލައި، ދެންތިބި މީހުން ފައްސައި ޔޫކްރެއިންގެ ތެރެއަށް ފޮނުވާލާފައިވާ ކަމަށެވެ.
ޔޫކްރެއިންގެ ހަނގުރާމަވެރިންނަށް ވަރަށް ވަރުގަދަ އަދި ވޭންދެނިވި ރައްދުތަކެއް ދެއްވަމުން ގެންދަވާނޭ ކަމަށްވެސް ރަޝިޔާގެ ދިފާއީ ވަޒީރު ވައުދުވެވަޑައިގެންފައި ވެއެވެ.
އެހެން ނަމަވެސް، ރަޝިޔާގެ ޕެރަމިލިޓަރީ ގްރޫޕްތައް ކަމަށްވާ ރަޝިއަން ވޮލަންޓިއަރ ކޯޕްސް އަދި ލިބަޓީ އޮފް ރަޝިޔާ ލީޖަނުންވަނީ، ދިފާއީ ވަޒީރުގެ ވާހަކަތައް ދޮގުކޮށްފައެވެ. އެދެ ގްރޫޕުން ބުނެފައިވަނީ، އެމީހުންގެ އެއްވެސް މެމްބަރަކަށް އަނިޔާއެއް ނުވާ ކަމަށެވެ.
ރަޝިޔާއިން ބުނަނީ، ބެލްގޮރޯޑް ރީޖަންގެ ތެރެއަށް ވަދެގަތް ޔޫކްރެއިންގެ ހަނގުރާމަވެރިން ހަމަލާތައް ދިނުމަށް ބޭނުންކުރީ ހުޅަނގުން ޔޫކްރެއިނަށް ފޯރުކޮށްދީފައިވާ ހަތިޔާރާއި ވެހިކަލްތައް ކަމަށެވެ.
ރަޝިޔާ ސިފައިން ހަމަލާދީ ހަލާކުކޮށްފައިވާ ކަމަށް ބުނާ އެމެރިކާގެ އަސްކަރީ ވެހިކަލެއްގެ ފޮޓޯވެސް ރަޝިޔާގެ ދިފާއީ ވުޒާރާއިން އާންމުކޮށްފައި ވެއެވެ.
އެހެންނަމަވެސް، ޔޫކްރެއިންގެ އަސްކަރީ ތަޖުރިބާކާރުންނާއި ބްލޮގަރުން ބުނަނީ، އެއީ ކުޅެފައިވާ ޑްރާމާއެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. ރަޝިޔާގެ ދިފާއީ ވުޒާރާގެ ތުހުމަތު އެމެރިކާއިންވެސް ވަނީ ދޮގުކޮށްފައެވެ.