ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޒީ، އަހްމަދު ހައިލަމް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފިއެވެ.

ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ޖޭޕީން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ މި ދަނޑިވަޅުގައި، ރާއްޖޭގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ އެކިއެކި ޝަހްސިއްޔަތުތަކުން އަންނަނީ އެ ޕާޓީއާ ގުޅެމުންނެވެ. ހާއްސަގޮތެއްގައި، ތައުލީމީ، ޤާބިލް ޒުވާނުން ފަހަކަށް އައިސް އެ ޕާޓީއާ ގިނަ އަދަދަކަށް ގުޅެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާގެ މަގާމާއި، އެފަހުން ކްރިމިނަލް ކޯޓުގެ އިސް ޤާޒީގެ މަގާމު ފުރުއްވާފައިވާ ހައިލަމް އާންމުންގެ މެދުގައި މަގްބޫލު ޝަހްސިއްޔަތަކަށްވީ، ކުރީގެ ރައީސް، އަބްދުﷲ ޔާމީނާ ދެކޮޅަށް ދައުލަތުން ކުރި ދައުވާތަކުގެ ޝަރީއަތްތައް ލައިވްކޮށް ބަލާލުމުގެ ފުރުސަތު އާންމުންނަށް ލިބުނު ދުވަސްވަރުގައެވެ.

ޖޭޕީއާ ގުޅުމަށް އެދި ހައިލަމް ހުށަހެޅި މެމްބަރޝިޕް ފޯމާއި އެ ޕާޓީގެ ފަރާތުން ހަވާލުވެވަޑައިގަތީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު، އޮނަރަބަލް ޤާސިމް އިބްރާޙީމެވެ.

ޝަރުއީ ދާއިރާއިން ފާހަގަކޮށްލެވޭ ޝަހްސިއްޔަތެއް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވިއިރު، މި މަހުގެ މެދު ތެރެއިން ފެށިގެން ކޮންމެ ހަފްތާއަކު ވެސް ޖުމްހޫރީ ޕާޓީއާ ގިނަ އަދަދެއްގެ ބަޔަކު ގުޅެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން މި މަހުގެ 20 ވަނަ ދުވަހު އެކަނިވެސް، 365 މެމްބަރުން އަލަށް ޖޭޕީއާ ގުޅިފައިވެއެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ކެންޑިޑޭޓަކު ނެރޭނެކަމާއި އެ ކެންޑިޑޭޓަކީ ޤާސިމް އިބްރާޙީމްކަން ހާމަކުރުމާ ހަމައިން ފެށިގެން، ސިޔާސީ ގޮތުން ހައިބަތުބޮޑު ގިނަ ފަރާތްތަކަކުން އަންނަނީ، ޤާސިމް އާއި ޖޭޕީއާ އެކުގައި މަސައްކަތްކުރުމަށް ނިންމައި، އެކަމުގެ މަޝްވަރާތައް ކުރަމުންނެވެ. ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ޤާސިމް އިބްރާހީމަށް ލިބިވަޑައިގަތީ، އެ ޕާޓީގެ ކައުންސިލްގެ ފުރިހަމަ އަގުލަބިއްޔަތުންނެވެ.

ރާއްޖޭގައި ތިންވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީގެ ގޮތުގައި އޮތް ޖުމްހޫރީ ޕާޓީގައި 23،000 އެއްހައި މެމްބަރުން ތިބޭކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެ ޕާޓީގެ އަމާޒަކީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މި އަދަދު ބޮޑުތަނުން އިތުރުކުރުމެވެ. މި އަޒުމުގައި ޕާޓީން އަންނަނީ ގިނަ ހަރަކާތްތަކެއް ރާވައި، ހިންގަމުންނެވެ