2022 ވަނަ އަހަރު ރާއްޖޭގައި، ނިސްބަތުން ކޮންމެ ގަޑިއިރަކު އެއްފަހަރު ވައްކަމުގެ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

އެ މުވައްސަސާއިން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުން، 2022 ވަނަ އަހަރު ރާއްޖޭގައި ކޮންމެ ގަޑިއިރަކު ވައްކަމުގެ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާއިރު، 2021 ވަނަ އަހަރު އެ ބާވަތުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ނިސްބަތުން ކޮންމެ 48 މިނެޓަކުންނެވެ. މީގެއިތުރުން، 2020 ވަނަ އަހަރު އެބާވަތުގެ މައްސަލަތައް ރިޕޯޓުކޮށްފައިވަނީ ނިސްބަތުން ކޮންމެ 66 މިނެޓަކުން ކަމަށް ތަފާސްހިސާބުތައް ދައްކައެވެ.

2022 ވަނަ އަހަރު ފުލުހުންނަށް ރިޕޯޓުކުރި އިތުރު މަސައްލަތަކަށް ބަލާލާއިރު، ނިސްބަތުން ކޮންމެ 2 ގަޑިއިރަކުން މަސްތުވާތަކެއްޗާ ގުޅޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. 2021 ވަނަ އަހަރާއި އަޅާބަލާއިރު، 2022 ވަނަ އަހަރު ވައްކަމުގެ މައްސަލަތައް ރިޕޯޓުކުރި އަދަދު މަދުވެފައިވާކަން ތަފާސްހިސާބުން ފާހަގަކޮށްލެވެއެވެ.

ތަފާސްހިސާބުން ދައްކާގޮތުން 2021 ވަނަ އަހަރާ އަޅާބަލާއިރު، 2022 ވަނަ އަހަރު ރާއްޖޭގައި ޓްރެފިކް އެކްސިޑެންތައް ބޮޑުތަނުން އިތުރުވެފައިވެެއެވެ. އެގޮތުން، 2022 ވަނަ އަހަރު ކޮންމެ 2 ގަޑިއިރާއި 24 މިނިޓަކު ފުލުހުންނަށް އެކްސީޑެންޓެއް ރިޕޯޓުކޮށްފައިވާއިރު، 2021 ވަނަ އަހަރު ފުލުހުންނަށް އެކްސިޑެންޓެއްގެ ރިޕޯޓުލިބިފައިވަނީ ނިސްބަތުން ކޮންމެ 3 ގަޑިއިރާއި ތިރީސް މިނެޓަކުންނެވެ.

މީގެއިތުރުން، 2022 ވަނަ އަހަރު ފުލުހުންނަށް ނިސްބަތުން ކޮންމެ 5 ގަޑިއިރާއި 40 މިނެޓުން މާރާމާރީގެ މައްސަލައެއް، ކޮންމެ 6 ގަޑިއިރާއި 30 މިނެޓުނުން ބިރުދެއްކުމުގެ މައްސަލައެއް، ކޮންމެ 13 ގަޑިއިރަކުން ޖިންސީ ގޯނާގެ މައްސަލައެއް، އަދި ކޮންމެ 13 ގަޑިއިރާއި 6 މިނެޓަކު ގެވެށި އަނިޔާގެ މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.