ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުރުން ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އެޖެންޑާކޮށްފިއެވެ.
ރާއްޖޭ-މޮރީޝަސް މައްސަލައިގައި ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލައި ގައުމުގެ މިނިވަންކަމާއި އިސްތިގްލާލަށް ހިޔާނާތްތެރިވެފައިވާތީ އިދިކޮޅު ޕާޓީތައް ހިމެނޭ އިއްތިހާދުންވަނީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖީލީހަށް ވައްދާފައެވެ.
އަދި މި މައްްސަލައިގައި ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއާއި މަތިކޮށްފައިވާ ޒިންމާތަކަށް ހިޔާނާތްތެރިވެފައިވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހުގެ ތަޅުމަށް ވެއްދުމަށްވެސް އިދިކޮޅު އިއްތިހާދުން އަންނަނީ ތައްޔާރުވަމުންނެވެ.
ރިފްއަތާއި ޝާހިދުގެ މައްސަލަ މަޖިލީހުން އެޖެންޑާކޮށް، މެމްބަރުންނަށް ނޯޓިސް ފޮނުވާފައިވަނީ ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ ހަފުތާގެ ބުދަ ދުވަހު ކުރިއަށް ގެންދިއުމަށެވެ. ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ މަހުގެ ހަވަނަ ދުވަހު ކުރިއަށް ގެންދަން ވަނީ ހަމަޖައްސައިފައެވެ.
މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲގެ އިތުބާރުނެތް ކަމުގެ މައްސަލަ 50 މެންބަރުންގެ ސޮޔާއިއެކު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ހުށައެޅީ ޕާޓީން ވަކިވެ އައު ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ފެށުމާއި ގުޅިގެންނެވެ.
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ތާވަލް ކުރީ އަންނަ މަހުގެ 11 ވަނަ ދުވަހުއެވެ.
މަޖިލީހުގެ ނައިބު ރައީސް އާއި އަދި ސަރުކާރުގެ ވަޒީރުންގެ އިތުބާރު ނެތްކަމަށް ފާސް ވާނީ ޖަލްސާގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 44 މެމްބަރުންގެ ވޯޓުންނެވެ. ސަރުކާރަށް ތާއިދު ކުރާ އެމްޑީޕީގެ މަޖިލިސް މެންބަރުންގެ އަދަދު އަދިވެސް 55އަށް އަރައެވެ.