ކޯޑް އޮފް ޕްރެކްޓިސް ނުވަތަ ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑާއި ހަމަތަކާ އެއްގޮތަށް ބްރޯޑްކާސްޓްކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

ރާއްޖޭގެ ބްރޯޑްކާސްޓަރުންގެ ބެލެނިވެރި ފަރާތްކަމުގައިވާ ބްރޯޑްކޮމް އިން ނެރުނު ބަޔާނެއްގައި ވަނީ ބްރޯޑްކާސްޓަރުން ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގައި، އަދި ކޮންޓެންޓް ގެނެސްދިނުމުގައި ޒިންމާދާރު ނޫސްވެރިކަން ކުރިއަށް ނެރުމުގެ އިތުރުން ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ބްރޯޑްކާސްޓަރުން އަމަލުކުރުމަށް އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސްއާ އެއްގޮތްވާގޮތުގެ މަތިން އަމަލުކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން ޒިންމާދާރު، ހަމަހަމަ، ނޫސްވެރިކަމެއް ކުރުމުގެ އިތުރުން، ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގައި، ޝާމިލްވާ ހުރިހާ ފަރާތްތަކެއްގެ ބަސް ހިމަނައިގެން ކޮންޓެންޓް ފޮނުވުމުގައި ސަމާލުވުމަށް ރާއްޖޭގައި ހަރަކާތްތެރިވާ ބްރޯޑްކާސްޓަރުންނަށް ބްރޯޑްކޮމްއިންވަނީ ނަސޭހަތްތެރިވެފައެވެ.

މިއާއިއެކު އެއްވުންތަކާއި މުޒާހަރާތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނާއި މީޑިއާގެ ފަރާތްތަކުން، ޤާނޫނާއި ގަވާއިދާއި ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުގެ ތެރެއިން ހަރަކާތްތެރިވުމަށާއި، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް އަންގައި ކޮމިޝަނުންވަނީ މިފަދަ އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރާ ފަރާތްތަކުން، ބޭނުންކުރުމަށް ކޮމިޝަނުން ދޫކުރާ "އެކްރެޑިޓޭޝަން ކާޑް" އަބަދުވެސް ފެންނަ ގޮތަށް ބޭނުންކުރުމަށް އިލްތިމާސްކޮށްފައެވެ.