ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޙަޔާތުގައިވެސް ޒުވާނުްނަށް އަމާޒުކޮށްގެން ބޭއްވި އެންމެ ހައިބަތު ހުރި އެއް ހަރަކާތް ކަމަށްވާ "ފުރަވީރުން" އިންތިޒާމުކުރުމުގައި އިސްދައުރެއް އަދާކުރައްވައި، އެޕާޓީގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ ދިވެހި ސިޔާސީ މަސްރަހު ސިއްސުވާލައިފިއެވެ.

ޖޭޕީގެ އިސްތަރުޖަމާނު އަލީ ސޯލިޙް ވިދާޅުވި ގޮތުގައި، ‏ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވި "ފުރަވީރުން" ހަރަކާތް ވެގެންދިޔައީ އާއިލާތަކަށް އުފާވެރިކަން ގެނެސްދިން އިވެންޓަކަށެވެ. އަދި މިހަރަކާތުގައި، ވަރަށް ކުރުމުއްދަތަކުން ޕާޓީއަށް ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ ގެންނެވި، އައު 2023 މެމްބަރުންގެ މެމްބަރޝިޕް ފޯމް، އެ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހިމަށް ⁦‪#YouthwithQasim‬⁩ ހޭޝްޓެގާއެކު އެކަމަނާވަނީ އަރުވާފައެވެ.

"ފުރަވީރުން"ގެ ނަމުގައި ޤައުމީ ރޫޙު އެލުވެވޭ ޖޯޝުން ފުރިގެންވާ ޒުވާނުންގެ ހާއްސަ ހަރަކާތެއް ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ފެށީ 25 މޭ 2023 ވީ ބުރާސްފަތި ދުވަހުގެ ރޭ 9:00 ގައެވެ. މިހަރަކާތް އިފްތިތާޙްކުރީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާއެވެ.

ފުރަވީރުން ހަރަކާތުގެ ތެރެއިން

މިހަރަކާތަށް ސެންޓްރަލް ޕާކަށް އެއްވި ކުދިބޮޑު އެކި ޢުމުރުފުރާގެ މީހުންނާއެކު މުޅި ޕާކު ފުރާލިއެވެ.

މި ހަރަކާތަށް މާލެއިން އުތުރިގެން އައި ސައިކަލު ބުރެއް ހުޅުމާލޭގެ ޒުވާނުންނާއި ގުޅި ސައިކަލު ބުރުގެ ފޯރި އިތުރުވެގެން ދިޔައެވެ. އަމާން އޮމާން އެކުވެރި މާހައުލެއްގައި ޒުވާނުން ފޯރިގަދަ މިޙަރަކާތުގައި ބައިވެރިވިއެވެ.

މިހަރަކާތުގައި ސްޓޭޖް ޝޯވއާއެކު ތަފާތު މުނިފޫހިފިލުވުމުގެ ހަރަކާތްތައް ފެނިގެންދިޔައެވެ. އޭގެ ތެރޭގައި ހަވާ އެރުވުމާއި ފަންުނުވެރިންގެ ހުނަރުތަކުގެ ޖާދުވީ ހަރަކާތްތަކާއި ދިވެހި ޘަޤާފީ ކުޅިވަރުތައް ހިމެނެއެވެ.

"ފުރަވީރުން" ހަރަކާތުގެ ހާއްސަ މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމެވެ. އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ސީދާ މިހަރަކާތް އިންތިޒާމު ކޮށްދެއްވި މިނިސްޓަރު ޢާއިޝަތު ނަހުލާއެވެ. މިއީ ފަހުގެ ތާރީޚެއްގައި ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވި މިފަދަ ފުރަތަމަ ހަރަކާތެވެ.

ފުރަވީރުން ހަރަކާތުގެ ތެރެއިން

ކާނިވަލެއްގައި ހިނގާނެފަދަ ޗަރުކޭހުގެ ބައެއް ކުޅިވަރުތައް އެކުލެވޭ މިއެއްވުމުގައި އަލިފާނުގެ ކުޅިވަރެއް ކުރިއަށް ދިޔައެވެ. ހަރަކާތް ކުރިއަށްދިޔައީ ރޭގަނޑުގެ ފަރީއްކޮޅަކާއެކުއެވެ.

މިހަރަކާތުގެ ގަޑިޖެހުމާއެކު ހަތްކޮޅެއްގެ ދަށުގައި ހާއްސަ މެހެމާނާއެކު ޖޭޕީގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ ވަޑައިގަތީ ބޮޑުބެރުގެ ހަމައާއެކު އެތަނުގައި ތައްޔާރުކޮށްފައިވާ ސްޓޭޖަށެވެ. އެއަށްފަހު ބިދަބިން ގުރޫޕާއި ސްޓޭޖް ހަވާލުކުރިއެވެ. ބިދަބިން ގުރޫޕުގެ ފުރަތަމަ އައިޓަމަކީ ކަނބަލުންގެ ފަރި ނެށުމެކެވެ. ދިވެހި ބެރުގެ ހަމަތަކާއި އެއްވަރަށް ފައިހަމަކުރަމުން ދިވެހި ލަވައަކަށް އެޒުވާނުން ހަރަކާތްކުރަމުންދިޔައިރު ފެނިގެން ދިޔައީ ދިވެހީންގެ ފަންނީ ހުނަރުތައް ޒަމާނާއެކު ކުރިއަރަމުން އަންނަ ކަމުގެ ލާމަސީލު ހެއްކެކެވެ.

ފުރަވީރުން ހަރަކާތުގެ ތެރެއިން

ބިދަބިން ގުރޫޕްގެ ބޮޑުބެރުގެ އައިޓަމަކީވެސް ކުޅިބަލަން ގޮސްތިބި މީހުންނަށް އިތުރު ފޯރިއެއް ގެނެސްދިން ކަމެކެވެ. ސަބަބަކީ ބޮޑުބެރުގެ ހަމަތަކާއިއެކު ކިޔަމުންދިޔައީ ޤައުމީ ޖޯޝު އެކުލެވިގެން ދިވެހި ޝާޢިރުން ހައްދަވައިފައިވާ ވަޠަނިއްޔަތު ދިރުވާފަދަ ލަވަތަކެވެ.

ބިދަބިންގެ ނެށުމަކާއި ބޮޑުބެރުގެ ޙަރަކާތްތަކަކަށްފަހު ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އައިޝަތު ނަހުލާ ސްޓޭޖް މައްޗަށް ވަޑައިގެން ވިދާޅުވީ މިއީ ޒުވާނުންގެ ޙަރަކާތެއް ކަމަށެވެ. އަދި މިއީ ފެށުމެއް ކަމުގައެވެ. އަދި މިއީ ސިޔާސީ ކަމެއް ނޫންކަމަށާއި މިއީ ޒުވާނުންނަށް ދެއްވި ހަދިޔާއެއް ކަމުގައެވެ.

ދެންވާހަކަފުޅު ދެއްކެވީ ހާއްސަ މެހުމާން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބްލް ޤާސިމް އިބްރާހީމެވެ. ވިދާޅުވީ، އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޕާޓީގެ ނައިބު ލީޑަރު މިހަރަކާތް އިންތިޒާމު ކުރެއްވީތީ ޝުކުރުވެރިވެވަޑައިގަންނަވާ ކަމުގައެވެ. ސަބަބަކީ ޤައުމުގެ މުސްތަޤުބަލަކީ ޒުވާނުންނާއި އަންނަން އޮތް ޖީލުތައް ކަމަށްވުން ކަމުގައެވެ. އަދި އެއީ ސަލާމަތާއި ރައްކާތެރި ކަމާއި އެކު އަންނަން އޮތް ޖީލުތަކަށް މިޤައުމު ރައްދުކޮށްދިނުމަކީ އެމަނިކުފާނުގެ އުއްމީދުކަމުގައި ވާތީކަމުގައެވެ

ޤާސިމް އިބްރާހީމްގެ ވާހަކަފުޅަށްފަހު، އަނެއްކާވެސް ބިދަބިންގެ ހަރަކާތްތަކެއް ފެނިގެންދިޔައެވެ. އެއަށްފަހު ދެން އޮތީ މިހަރަކާތަށް ހާއްސަކޮށް ސޯޝަލްމީޑިއާއަށް ދޫކޮށްލި ސުވާލަކަށް ޖަވާބުދީގެން ކަނޑައެޅިފައިވާ ފައިސާގެ އިނާމު ހޯދި ނަސީބުވެރިޔާ ހޮވުމެވެ. އެއީ "ފުރަވީރުން" ފޭސްބުކް ޕޭޖްގައި ހުށަހަޅައިފައިވާ ސުވާލެއްގެ ފުރިހަމަ ޖަވާބު ދިން ފަރާތެކެވެ. އެއީ އެ ޕޭޖްގައިވަނީ ރަތް ދިދައެއް ހިފައިންގެ އޮތް އަތެއް އެއީ ކޮން ބޭފުޅެއްގެ އަތެއްތޯ ކޮށްފައިވާ ސުވާލެވެ. އެ ސުވާލުގެ ފުރިހަމަ ޖަވާބު ދިނީ ހަޝްމާއެވެ. މި ނަޞީބު ވެރިއާއަށް ސްޓޭޖް މަތީ ރަމްޒީ ގޮތެއްގައި އިނާމު ޙަވާލުކޮށްދެއްވީ ނަހުލާއެވެ.

ފުރަވީރުން ހަރަކާތުގެ ތެރެއިން

އަނެއްކާވެސް ބިދަބިންގެ ނެށުންތެރީންގެ ހަރަކާތްތަކަކަށް ފަހު އަލިފާނުގެ ޗަރުކޭހެއް ދައްކާލިއެވެ. މިއީ މިއުޒިކްގެ ހަމަތަކަށް ނެށުމެއްގެ ތެރެއިން ދައްކައިލި ޗަރުކޭހެކެވެ. އިނގިރޭސިބަހުން ފަޔަރ ޑާންސްގެ ނަން ދީފައިވާ މިހަރަކާތަކީ އޭގައި ނުރައްކާވެސް އޮތް ކުޅިވަރެކެވެ. ހުޅު ރޯކޮށްފައިވާ ދަނޑިތަކެއް ނުވަތަ ދަނޑި ބުރިތަކެއްގެ އިތުރުން އަނގައިން ފޮނުވައިލާ ވަޔާއި އެކު ޖައްވުގެ ތެރެއަށް ހުޅުގަނޑު ބުރުވައިލާ ޗަރުކޭހެކެވެ. މިއީ އެކަމަށް ތަމްރީނު ލިބިފައިވާ ހުނަރުވެރިއެއްގެ އުކުޅުތަކެއް ދައްކާ ކުޅިވަރެކެވެ. އެއަށްފަހު ހަވާއެރުވުން އޮތެވެ.

މިހަރަކާތަށް ސެންޓްރަލް ޕާކަށް ދިޔަ ގިނަ ބަޔަކު ފާހަގަކުރި ގޮތުގައި މިއީ ފަހަގެ ތާރީޙެއްގައި ރާއްޖޭގައި ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވި މިފަދަ އެންމެ ކުލަގަދަ ހަރަކާތެވެ. އަދި މިހަރަކާތުގެ ތެރެއިން ޖޭޕީއަށް ގިނަ ބަޔަކު ގުޅިފައިވާކަން އިއުލާންކުރުމަކީ ކުޅިބަލަން ދިޔަ އެތައް ބަޔަކަށް ހައިރާންކަން ގެނުވި ކަމެކެވެ.

ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވި މުނިފޫހިފިލުވުމުގެ ހަރަކާތަކަށްވިޔަސް، އަދި މިހަރަކާތަކީ ސީދާ ގޮތުން ސިޔާސީ ހަރަކާތަކަށް ނުވިނަމަވެސް، މިއީ ސިޔާސީ މަސްރަހުވެސް ސިއްސުވާލި ހަރަކާތެކެވެ.