ޤައުމެއް ބިނާވާނީ ޤައުމެއްގެ ކުރިމަގު އުޖާލާ ކުރެވޭނީ އެޤައުމެއްގެ ޒުވާން ޖީލަކީ ޢިލްމީ ޤާބިލް ދުޅަހެޔޮ ހުނަރުވެރި ބަޔަކަށް ވެގެންކަމަށް ސަރުކާރުގެ ދާހިލީ ވަޒީރު އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިފަދައިން ވިދާޅުވީ ދާހިލީ ވުޒާރާއިން އިސްނަގައިގެން ޒުވާން ލީޑަރުން ބިނާކުރުމަށް ބާއްވަމުން އަންނަ "ޔޫތު ލީޑަރސް ފޯރަމް" ގެ މިއަހަރުގެ ފުރަތަމަ ފޯރަމް މ. ކޮޅުފުށީގައި ފައްޓަވައިދެއްވުމަށްފަހު މީޑިއާތަކަސް ދެއްވި ބަސްދީގަތުމެއްގައެވެ.

އިމްރާން ވަނީ ޔޫތު ލީޑަރސް ފޯރަމުގެ މުހިންމުކަން ފާހަގަކުރައްވައި ގައުމުގެ ޒުވާނުން ބިނާކުރުމުގައި ގައުމިއްޔަތުގެ އަސާސްތަކާއިއެކުގައި ޒުވާނުން ތަރުބިއްޔަތުކޮށް ބިނާކުރުމަކީ ގައުމެއް ކުރިއަށް ގެންދިއުމަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

"ޤައުމެއް ބިނާވާނީ, ޤައުމެއްގެ ކުރިމަގު އުޖާލާ ކުރެވޭނީ އެޤައުމެއްގެ ޒުވާން ޖީލަކީ ޢިލްމީ ޤާބިލް ދުޅަހެޔޮ ހުނަރުވެރި ބަޔަކަށްވެގެން." ދާހިލީ ވަޒީރު
އައްޝައިޚް އިމްރާން އަބްދުﷲ

މި ފޯރަމުގެ ސަބަބުން ޒުވާން ލީޑަރުން އުފެއްދުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

މިއަހަރުގެ "ޔޫތު ލީޑަރސް ފޯރަމް" މ. އަތޮޅަށް ހާއްސަކޮށްފައި ވާއިރު އެ އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭހެން 80 އަށްވުރެ ގިނަ ޒުވާނުން މި ފޯރަމުގައި ބައިވެރިވެއެވެ.

"ޒުވާން އިސްވާރުން" މިޝިޢާރުގެ ދަށުން މިމަހުގެ 27 ގެ ނިޔަލަށް ކުރިއަށްގެންދާ ފޯރަމްގައި 9 ސެޝަނެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު އޭގެތެރޭގައި ޓީމް ބިލްޑިންގއާއި, ލައިފް ސްކިލްސްއާއި, ދިވެހިންގެ ވާހަކައާއި, ދިރިއުޅުމުގެ އެންމެ ފުރިހަމަ ނިޒާމް އަދި އަމާން ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމުގައި ޒުވާނުންގެ ދައުރާއި ބައިވެރިވުމުގެ މުހިއްމުކަމާގުޅޭ ސެޝަންތައް ހިމެނެއެވެ.

މި ސެޝަންތައް ނަންގަވައިދެއްވަނީ އެދާއިރާތަކުގެ އިލްމާއި ތަޖުރިބާ ލިބިވަޑައިގެންތިއްބެވި ބޭފުޅުންނެވެ.