ފާޑުކިޔުން އަމާޒުވުމުން ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވަގުތުން ދުރަށް ނުދައްކާ ގޮތަށް ނިންމި ނިންމުން ބަދަލުކޮށްފިއެވެ.
ޕީއެސްއެމްއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ލައިވްކޮށް ނުވަތަ ވަގުތުން ދުރަށް ދެއްކުން މެދުކަނޑާލާފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގައެވެ.
ސަބަބެއް ކަމަށް ބުނެފައިވަނީ، މަޖިލިސް ލައިވްކުރާއިރު ޗެނަލްއަށް އޭގެ ކޮންޓްރޯލް ނޯންނައިރު، ރައްޔިތުންގެ މަޖިލީހުގެ ބަހުސްތައް މިފަހަކަށް އައިސް މާ ހޫނުވެ، އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފަށް ބައެއް މެމްބަރުންގެ ބަސްމަގު ހުންނާތީއެވެ.
މަޖިލިސް ޖަލްސާތައް ޓީވީތަކުން ވަގުތުން ދުރަށް ދައްކަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ދޫކުރާ ފީޑަށް އެއްވެސް އުނިއިތުރުކަމެއް ގެނެއުމެއް ނެތިއެވެ. އަދި ވަގުތުން ދުރަށް ދައްކާ ޖަލްސާތަކުގެ އަޑާއި މަންޒަރު ކަނޑާލުމުގެ ބާރާއި އިހުތިޔާރު އޮންނަނީ އިސްވެ ފާހަގަކުރި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ސްޓޭޝަންވެ ތިބޭ އެއިދާރާގެ މީޑިއާ ޓީމަށެވެ.
މައުލޫމާތު ލިބޭގޮތުގައި، ޕީއެސްއެމުން މަޖިލީހުގެ ޖަލްސާތައް ވަގުތުން ދެއްކުން ހުއްޓާލުމުން ފާޑުކިޔުން އަމާޒުވެ، ކުރިއަށް ހުރި ޖަލްސާތައް ވަގުތުން ދުރަށް ދައްކަން މިހާރުވަނީ ނިންމާފައެވެ.
ޕީއެސްއެމްއިން ޖަލްސާތައް ލައިވްކޮށް ނުވަތަ ވަގުތުން ދުރަށް ދެއްކުން "ހުއްޓާލި" ކަމަށް ބުނާ ޚަބަރާއެކު، ފާޑުވިދާޅުވި އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެމްބަރުކަން ކުރައްވާ އީވާ މިމައްސަލާގައި ވިދާޅުވީ، ރައްޔިތުންގެ ޓެކްސް ފައިސާއިން ޚަރަދުކޮށްގެން ހިންގާ ދައުލަތުގެ މީޑިއާއިން ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ މަންދޫބުން ދައްކާ ވާހަކަތައް [ވަގުތުން ދުރަށް ނުދެއްކުމަކީ] ދެރަކަމެއް ކަމަށާއި ބަހަނާ ދައްކައިގެން އެކަން ނުކުރުން ބަލައިނުގަނެވޭ ކަމަށެވެ.
އީވާ ދެކެވެޑައިގަންނަވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ރައްޔިތުންގެ މަންދޫބުން ވޯޓުދޭގޮތާއި ދައްކަވާ ވާހަކަފުޅުތައް ރައްޔިތުންގެ މީޑިއާއިން ރައްޔިތުންނަށް ގެނެސްދޭންޖެހޭނެެވެ.
މިމައްސަލާގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންވެސް ވަނީ ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ސަރުކާރުގެ ޕްރޮޕެގެންޑާ ހިންގާ މެޝިންތަކެއްގެ ގޮތުގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށް، ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން ޕަބްލިކް ސަރވިސް މީޑިއާ ހިންގުމަކީ ރަނގަޅު ކަމެއްނޫން ނޫން ކަމަށެވެ.
މީގެ އިތުރުންވެސް ބައެއް ސިޔާސީ ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމުންވެސް ވަނީ މިކަމާ ގުޅިގެން ޕީއެސްއެމްއަށް ފާޑުކިޔާފައެވެ.
ޕީއެސްއެމްގެ ޓީވީއެމް ހިމެނޭ ގޮތުން ރާއްޖޭގައި ހިންގާ މެއިންސްޓްރީން ހުރިހާ ޓީވީ ޗެނަލްތަކަކުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވަގުތުން ދުރަށް ދައްކައެވެ.
ވީމީޑިއާގެ ވީޓީވީންވެސް އަންނަނީ މަޖިލީހުގެ ޖަލްސާތައް ބެލުންތެރިންނާ ހަމަައަށް ވަގުތުން ގެނެސްދެމުންނެވެ.