އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގައި ތަޤުރީރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ރަސީދުތައް ހާމަކުރަން ހައި ކޯޓުން އަންގައިފިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އާއްމު ފަރާތަކުން ހޯދުމަށް އެދުނީ، ރައީސް ސާލިހް ކުރެއްވި ދަތުރުގެ ބައިވެރިންގެ ޖުމްލަ އަދަދާއި ނަމާއި ބައިވެރިވި ހައިސިއްޔަތުގެ އިތުރުން ދަތުރަށް ހަރަދުވި ޖުމްލަ އަދަދާއި ރަސީދުތަކުގެ ކޮޕީގެ މައުލޫމާތެވެ.

މި މައުލޫމާތުތައް ހިއްސާ ނުކުރެވޭނެކަމަށް ރައީސް އޮފީހުން ކުރިން ބުނެފައިވާއިރު މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމަވާފައިވަނީ އެ މައުލޫމާތަކީ ހާމަކުރަންޖެހޭ މައުލޫމާތު ކަމަށެވެ. އަދި ފަސް ދުވަހުގެ ތެރޭގައި މައުލޫމާތު އާއްމުކުރުމަށް ކޮމިޝަނުންވަނީ ރައީސް އޮފީހަށް އަންގާފައެވެ.

ކޮމިޝަނުގެ އެންގުން ރައީސް އޮފީހުން ދިވެހިރާއްޖޭގެ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ކޯޓުން އިއްވި ހުކުމުގައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ މަގުސަދަކީ ރައްޔިތުންނަށް ފާޅުކަން ބޮޑު ގޮތެއްގައި ދައުލަތުގެ އިދާރާތަކުގެ މައުލޫމާތު ލިބިދިނުންކަމަށް ފާހަގަކޮށްފައެވެ.

މައްސަލައިގެ މައުލޫމާތު ހާމަކޮށްފިނަމަ ރައީސުލްޖުމްހޫރިއްޔާގެ ފުރާނަފުޅަށް ނުރައްކާވެދާނެކަމަށް ބުނެ ދައުލަތުން ފާހަގަކުރި ނުކުތާއަށް ރައްދުދެއްވައި ކޯޓުން ބުނީ އެފަދަ މައުލޫމާތެއް ވާނަމަ އެބައި އުނިކުރުމަށްފަހު ދިނުމަށެވެ.

މުޅި މައްސަލައަށް ބަލައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އަންގާފައިވާގޮތައް އެ މައުލޫމާތު ހިއްސާ ކޮށްދިނުމަށް ފަނޑިޔާރު ފާތިމަތު ފަރުހީޒާއާއި ފަނޑިޔާރު ޙަސަން ޝަފީޢާއި ފަނޑިޔާރު މުޙައްމަދު ސަލީމުގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެއެވެ.