ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށްއެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ހަސްމަކަށް ގުޅައި މެސެޖުކޮށް ހެދިކަމަށް ތުހުމަތުވާ ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމް ސަސްޕެންޑުކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބޭއްވި ކުއްލި ބައްދަލުވުމަށްފަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި ހަސްމަކަށް މެޖިސްޓްރޭޓް އަލީ އާދަމް ގުޅައި މެސެޖުކޮށް ހެދި މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށެވެ.

ބަޔާނުގައިވާ ގޮތުގައި، އެ ކޮމިޝަނުން ތަހުގީގުކުރަމުންދާ މައްސަލައިގެ ތަހުގީގަށް ހޯދިފައިވާ މައުލޫމާތަށް ރިއާޔަތްކޮށް، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ތ) އަދި (ލ) އާ ޙަވާލާދީ އިސްމެޖިސްޓްރޭޓް އަލްއުސްތާޒް އަލީ އާދަމް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމަށް ކޮމިޝަންގެ ކުއްލި ޖަލްސާގައި ނިންމަވާފައިވާ ކަމަށެވެ.

މީގެކުރިން ވެސް އަލީ އާދަމްއާ ގުޅޭ ބައެއް މައްސަލަތައް ޖޭއެސްސީން ބަލާފައިވާއިރު އޭގެ ތެރޭގައި ކުޅުދުއްފުށީ ކޯޓަށް ހުށަހެޅި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ރައްކާތެރިކަމުގެ އަމުރު ނެރެދިނުމާ ގުޅޭ މައްސަލައަކާއި، ތަފްރީގް ކޮށްފައިވާ ކައިވެންޏެއް ރުޖޫއަކޮށްދިން މައްސަލައަކާއި އަމިއްލަ ޖަމިއްޔާއެއް އުފައްދައި ހަރަކާތްތެރިވި މައްސަލައެއް ހިމެނެއެވެ.

ކައިވެނި ރުޖޫއަކޮށްދިނުމާއި ޖަމިއްޔާ އުފެއްދި މައްސަލައާއި ގުޅިގެން މިދިޔަ އަހަރުގެ އޭޕްރީލް މަހުވެސް އަލީ އާދަމް ދެހަފުތާއަށް ސަސްޕެންޑު ކުރިއެވެ.

މީގެ އިތުރުން އިސްމެޖިސްޓްރޭޓް އަލީ އާދަމަށް މަރުގެ އިންޒާރުދިންކަމާ ބުނާ މައްސަލައެއް މިމަހު 22 ވަނަ ދުވަހު ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.

މިމައްސަލަ ތަހުގީގު ކުރަމުންދާއިރު މައްސަލާގައި ދެ ޒުވާނަކު ހައްޔަރުކޮށް ތިން ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ މުއްދަތު ޖަހާފައެވެ.

މަރުގެ އިންޒާރު ދިންކަމަށް ބުނާ މައްސަލާގައި ހައްޔަރުކޮށްފައިވާ އެކަކީ ވަރިވާން ކޯޓަށްދިޔަ އަންހެންމީހާގެ ފިރިމީހާއެވެ.