އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އަލަށް އިމާރާތްކުރި އިންޑިއާ ޕާލަމެންޓުގެ އައު އިމާރާތް، ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުޅުއްވައި ދެއްވާތީ، އެ ރަސްމިއްޔާތު އިންޑިއާގެ އިދިކޮޅު ޕާޓީތަކުން ބޮއިކޮޓް ކޮށްފިއެވެ.
އިންޑިއާ ޕާލަމެންޓުގެ އައު އިމާރާތް ހުޅުވަން ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުއެވެ.
އައު ޕާލަމެންޓް ހުޅުވުމުގެ ރަސްމިއްޔާތު މިހާތަނަށް އިންޑިއާގެ އިދިކޮޅު 19 ޕާޓީއަކުން ބޮއިކޮޓް ކޮށްފައި ވެއެވެ. އޭގެ ތެރޭގައި، މައި އިދިކޮޅު ޕާޓީތަކާއި، ސަރަހައްދީ ޕާޓީތައްވެސް ހިމެނެއެވެ.
އެ ޕާޓީތަކުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޕާލަމެންޓް އައު އިމާރާތް ހުޅުއްވައި ދެއްވަންވާނީ އިންޑިއާގެ ރައީސާ ދްރޯޕަދީ މުރްމޫ ކަމަށެވެ.
ދްރޯޕަދީ މުރްމޫއަކީ ގަބީލާއަކުން ރައީސްކަމަށް ވަޑައިގެންނެވި ބޭފުޅަކަށްވާތީ، ބޮޑުވަޒީރު މޯދީ، އެކަމަނާ ވަރަށް ބޮޑަށް އެކަހެރި ކުރައްވާ ކަމަށް ބުނެ، އިދިކޮޅު ޕާޓީކުގެ ބަޔާނުގައި މޯދީ ވަރަށް ބޮޑަށް ކުށްވެރި ކޮށްފައި ވެއެވެ.
އިންޑިއާގެ ރައީސަކަށް ހުންނަވާ ބޭފުޅަކީ އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްވެވަޑައި ގަންނަވާ ބޭފުޅެއް ނޫނެވެ. އެއީ، ޖުމްލަގޮތެއްގައި ރަމްޒީ މަގާމެކެވެ.
ސަރުކާރު ހިންގުމުގެ ބާރުތައް އޮންނަނީ ބޮޑުވަޒީރަށް ނަމަވެސް، ޕާލަމެންޓުން ފާސްކުރާ ބައެއް ކަހަލަ ބިލްތައް އަނބުރާ ފޮނުވާލުމުގެ ބާރު ރައީސަށް އޮވެއެވެ. އަދި އައު ސަރުކާރެއް އެކުލަވާލާއިރުވެސް ރައީސްގެ މަޝްވަރާ ހޯދުން އޮވެއެވެ.
ދްރޯޕަދީ މުރްމޫ އިންޑިއާގެ 15 ވަނަ ރައީސްގެ ގޮތުގައި ހުވާކުރެއްވީ، މިދިޔަ 2022 ވަނަ އަހަރުގެ ޖުލައިމަހުގެ 25 ވަނަ ދުވަހުއެވެ. އެކަމަނާ ނިސްބަތްވެވަޑައި ގަންނަވަނީ އިންޑިއާގައި ވަރަށް ބޮޑަށް އެކަހެރި ކޮށްފައި އޮންނަ ސައުތަލް ގަބީލާއަށެވެ.
އިދިކޮޅު ޕާޓީތަކުން ބުނެފައިވަނީ، ޑިމޮކްރަސީގެ ރޫހު ނަގައި އެއްލާލުމުން، އައު އިމާރާތަކީ އަގެއްހުރި ތަނެއްކަމަށް ޕާޓީތަކުން ނުދެކޭ ކަމަށެވެ. އެހެންވެ، ޕާލަމެންޓްގެ އައު އިމާރާތް ހުޅުވުމުގެ ޖަލްސާ ބޮއިކޮޓްކުރަން ނިންމާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
އިންޑިއާގެ މައި އިދިކޮޅު ޕާޓީ، ކޮންގްރެސް ޕާޓީގެ ތަރުޖަމާނު ސުޕްރިޔާ ޝްރިނާތޭ ވިދާޅުވީ، ކޮންމެ ދުވަހަކުހެން ޑިމޮކްރަސީ ކަތިލަމުންދާ މޯދީއަށް، އިންޑިއާ ޕާލަމެންޓްގެ އައު އިމާރާތް ހުޅުވައި ދެއްވުމުގެ ހައްގު ލިބިގެން ނުވާކަމަށެވެ.
ޕާލަމެންޓުގެ އައު އިމާރާތުގެ ބިންގާ މޯދީ އެޅުއްވިއިރުވެސް، އޭރުގެ ރައީސް ރާމް ނާތު ކޯވިންދަށް ދައުވަތުވެސް ނުދެއްވާކަން ސުޕްރިޔާ ފާހަގަކުރައްވާފައި ވެއެވެ.
ރައީސާ މުރްމޫއަކީ އިންޑިއާގެ ގާނޫނުއަސާސީގެ ޚާދިމު ކަމަށާއި، އިންޑިއާގެ ފަރސްޓް ސިޓިޒަން ކަމަށާއި، އައު ޕާލަމެންޓް ހުޅުވާ ޖަލްސާއަށް އެކަމަނާއަށް ދައުވަތުވެސް ނުދެއްވުމަކީ ވަރަށް ލަދުވެތި ކަމެއް ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެއެވެ.
ޚަބަރު ލިބޭގޮތުގައި، އައު ޕާލަމެންޓް އިމާރާތް ބޮޑުވަޒީރު މޯދީ ހުޅުއްވައި ދެއްވާތީ، އެކަމާ ދެކޮޅަށް އިންޑިއާގެ ސުޕްރީމް ކޯޓަށްވެސް ޕެޓިޝަންތައް ހުށަހަޅާފައި ވެއެވެ.