އިނގިރޭސި ޕްރިމިއަރ ލީގުގައި ރަނގަޅު ނަތީޖާތަކެއް ނުނެރެވި، ލިވަޕޫލްގެ ސަޕޯޓަރުން މާޔޫސްކޮށްލެވިއްޖެ ކަމަށާއި، އެކަމާ ވަރަށް ދެރަވެއްޖެކަމަށް އެ ޓީމުގެ މިސްރު ތަރި، މުހައްމަދު ޞަލާޙް ބުނެފިއެވެ.
ޞަލާޙް މިހެން ބުނެފައިވަނީ، ލީގު ތާވަލުގެ ގަދަ ހަތަރަކުން ޖާގަ ނުލިބި، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ނުލިބުމާ ގުޅިގެން ކުރި ޓުވީޓެއްގައެވެ.
ސަޕޯޓަރުންނަށް މެސެޖެއް ދިނުމުގެ ގޮތުން ޞަލާހް ކުރި މި ޓުވީޓުގައި ބުނެފައިވަނީ، ލީގުގައި ނެރެވުނު ނަތީޖާ ދިފާއުކޮށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތް ކަމަށެވެ. ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމަށް އެތައް މަގެއް ފަހިވިނަމަވެސް، ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިފައިނުވާކަން ޞަލާޙް ފާހަގަކުރިއެވެ.
ލިވަޕޫލަކީ ފުޓުބޯޅައިގެ ގަދަ ބާރެއްކަމަށާއި، ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަކީ އެ ޓީމުން އެންމެ ދަށްވެގެން ކުރަންޖެހޭ އެއް ކަންތައްކަމަށް ސަލާޙް ބުންޏެވެ. އެހެންނަމަވެސް އެ ޓާގެޓު ހާސިލްނުވުމުން ސަޕޯޓަރުންގެ ކިބައިން މަޢާފަށްއެދޭ ކަމަށާއި، މިއީ އުއްމީދީ ވާހަކަތެކެއް ދައްކައި، ސަޕޯޓަރުން މޯޓިވޭޓްކުރަން އެންމެ ރަނގަޅު ވަގުތު ނޫންކަން އެނގޭކަމަށް ސަލާޙް ބުނެފައިވެއެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގެ ގަދަ ހަތަރަކުން ޖާގަ ނުލިބި ލިވަޕޫލަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފުރުސަތު ގެއްލުނުއިރު، އެ ޓީމަށް، 37 މެޗުން 66 ޕޮއިންޓާއެކު ލިބެނީ ތާވަލުގެ ފަސްވަނައެވެ. ލިވަޕޫލަށް ލީގުގައި ބާކީ އޮތީ އެންމެ މެޗެކެވެ. އެއީ މި މަހުގެ 28 ވަނަ ދުވަހު ސައުތެމްޕްޓަނާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.
އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގަ ލިވަޕޫލަށް ގެއްލުނުއިރު އެންމެފަހުން މި ހާލަތު އެ ޓީމަށް ކުރިމަތިވެފައިވަނީ 2010-2011 ވަނަ ސީޒަނުގައެވެ. 2015 ވަނަ އަހަރުގެ ތެރޭގައި އެ ޓީމުގެ ކޯޗުކަމުގެ މަގާމާ ޖަރުމަނުގެ ޔާގެން ކްލޮޮޕް ހަވާލުވިފަހުން އެ ޓީމުން ކޮންމެ އަހަރެއްގެ ވެސް ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައިވެއެވެ.