މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން ކުރިއަށްގެންދާ "ގެވެށި ގުޅުން" ކެމްޕެއިންގެ ދަށުން ތައްޔާރުކޮށްފައިވާ ކުޑަކުދިންގެ ކާޓޫނު ސީރީސް އާއި ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްފިއެވެ.

ކާޓޫނު ސީރީސް އާއި ވާހަކަ ފޮތް ސީރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްދެއްވީ މިކަމަށްޓަކައި އޮލިމްޕަހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. އަދި، ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙް ކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންއެވެ.

މި ކާޓޫނު ސީރީސްއަކީ ގެވެށި އަނިޔާއާއި ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކުޑަކުދިންގެ ކިބައިގައި އެންމެ ޅައިރުއްސުރެ އަށަގަންނުވަންޖެހޭ ދިރިއުޅުމުގެ ރީތި ބައެއް އާދަތަކަށް ކުދިން އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި މިނިސްޓްރީގެ ފަރާތުން ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ.

މި ކާޓޫނު ސީރީސްގައި ޖުމްލަ 12 އެޕިސޯޑް ހިމެނެއެވެ.

އޭގެ ތެރެއިން 6 އެޕިސޯޑް އާންމުކޮށް ދެއްކުމަށްޓަކައި ޚާއްސަ ދެ ޝޯ މޭމަހުގެ 27 ވާ ހޮނިހިރުދުވަހުގެ މެންދުރުފަހު އޮލިމްޕަހުގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ޖެންޑާ މިނިސްޓްރީން ބުނިގޮތުގައި، މި ވާހަކަފޮތް ސީރީސްގެ ވީޑިއޯ ވަރޝަން ގެ މަޤްޞަދަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު އެ މިނިސްޓްރީގެ ފަރާތުން ނެރުނު ގެވެށި ގުޅުން ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސްގައި ހިމެނޭ ވާހަކަތަކުން ކުދިންނަށް ފޯރުކޮށްދޭން ބޭނުންވާ މެސެޖުތައް ވީހާވެސް ގިނަ ކުދިންނާ ހަމައަށް ފޯރުކޮށްދިނުމެވެ.

ޖުމްލަ 6 ވާހަކަ ފޮތް ހިމެނޭ މި ސީރީސްގެ ވާހަކަ ފޮތްތައް މިނިސްޓްރީގެ ފަރާތުން މިއަހަރުގެ ކުރީކޮޅު ވަނީ ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހަދިޔާކޮށްފައެވެ.

ގެވެށި ގުޅުން ކެމްޕެއިން އަކީ ގެވެށި އަނިޔާ އާއި ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ޖެންޑާ މިނިސްޓްރީއިން ފެށި ކެމްޕެއިނެކެވެ.

އެ ކެމްޕެއިންގެ ވަކިވަކި މަގްސަދުތަކުގެ ތެރޭގައި ގެވެށި އަނިޔާއަށް މުޖުތަމައު ހޭލުންތެރިކުރުމާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތައް ބާރުވެރިކުރުވުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި، އެފަރާތްތަކަށް ފޯރުކޮށްދެވޭ ހިދުމަތްތައް އިތުރުކޮށް، އެ ހިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމުގެ އިތުރުން ގެވެށި އަނިޔާއާ ދުރުކޮށްދޭނެ ވިސްނުމާއި އުޅުން ޕްރޮމޯޓްކުރުމަށް ބޭނުންވާ ހޭލުންތެރިކަން އިތުރުކުރުން ހިމެނޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

"ގެވެށި ގުޅުން" ކެމްޕެއިންގެ ދަށުން މިނިސްޓްރީގެ ފަރާތުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެެވެ. އޭގެ ތެރޭގައި ވީޑިއޯ ލަވަ، ޓީވީ ޕްރޮގްރާމް ސީރީސް، ރޭޑިއޯ ޑްރާމާ ސީރީސް، ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސް، ބިލްބޯޑް، މަޖައްލާ، ބުކްލެޓް އަދި ލީފްލެޓް ފަދަ ތަކެތި ތައްޔާރުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.