"ޖުމްހޫރީ ފިކުރުގެ" ޒުވާނުން އިތުރުވެ، މިފަހަކަށް އައިސް ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ ގުޅޭ ޒުވާނުން ގިނަވެއްޖެއެވެ.
ހުކުރު ދުވަހުގެރޭ އެކަނިވެސް ގިނަ އަދަދެއްގެ ޒުވާނުން ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފައެވެ. އެއީ ހުކުރު ދުވަހުގެރޭ ހުޅުމާލޭގައި ބޭއްވި ޖޭޕީގެ ދެކުނު ކެމްޕެއިން ޓީމްގެ ބައްދަލުވުމަށްފަހު ގުޅުނު ޒުވާނުންތަކެކެވެ. އެ ޒުވާނުންގެ މެމްބަރޝިޕް ފޯމްތަކާ ހަވާލުވެލެއްވީ ޖޭޕީގެ ލީޑަރުގެ ސްޕެޝަލް އެންވޯއީ އަދު ދެކުނު ކެމްޕެއިން މެނޭޖަރު އިލްހާމް އަޙުމަދެވެ.
އެ ޒުވާނުންނަށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމްވަނީ މަރުހަބާ ދަންނަވާފައެވެ.
އަލަށް ގުޅުން ޒުވާނުންގެ އިތުރުން ގިނަ އަދަދެއްގެ މީހުން ހުކުރު ދުވަހުގެ ރޭ ބޭއްވި ޖޭޕީގެ ދެކުނު ކެމްޕެއިން ޓީމްގެ ބައްދަލުވުމުގައި ބައިވެރިވިއެވެ. މިއީ ހުޅުމާލޭގައި ދިރިއުޅޭ ޖޭޕީއާއި އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަށް ތާއީދުކުރާ މީހުންނަށް އަމާޒުކޮށްގެން ބޭއްވި ބައްދަލުވުމެކެވެ.
މިފަހުން ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވި އެންމެ ހައިބަތު ހުރި އެއް ހަރަކާތް ކަމަށްވާ "ފުރަވީރުން"ގެ ތެރެއިންވެސް ގިނަ އަދަދެއްގެ ޒުވާނުން ޖޭޕީއަށް ގުޅިފައިވާކަން އިއުލާންކުރިއެވެ. އެ ހަރަކާތުގައި، އެ ޕާޓީއަށް ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ ގެންނެވި، އައު 2023 މެމްބަރުންގެ މެމްބަރޝިޕް ފޯމް، އެ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހިމަށް #YouthwithQasim ހޭޝްޓެގާއެކު އެކަމަނާވަނީ އަރުވާފައެވެ.
ޖޭޕީގެ ނައިބު ލީޑަރު އަހުމަދު ސައުދު ވިދާޅުވާ ގޮތުގައި، ޖޭޕީއަކީ ހުރިހާ އުމުރެއްގެ ހުރިހާ ފަންތިއެއްގެ އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުން އަދި ޒުވާނުންނާއި ދުވަސްވީ މީހުންނަށް ފުރުސަތު ހުޅުވާލާފައިވާ ޕާޓީއެކެވެ. އަދި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާޙިމަކީ ޒުވާނުންގެ އިހުސާސްތައް ދަންނަ ޒުވާނުން ބިނާކުރުމުގައި އެފަދަ ދެވަނައެއް ރާއްޖޭގައި ނުވާ ލީޑަރު ކަމަށް ސައުދު ވިދާޅުވެއެވެ.
ސައުދު ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމަކީ އެކިދާއިރާތަކުން ރާއްޖެއަށް ޚިދުމަތްކޮށްދެއްވި ބޭފުޅެއް ކަމަށާއި، ރާއްޖޭގެ ޒުވާނުން ބާރުވެރިކޮށް އެމީހުންނަށް ފުރުސަތުތައް ހޯއްދަވައިދެއްވާ މުޖުތަމައުއަށް ނެރެދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.
އެގޮތުން، ޒުވާން ޑޮކްޓަރުންނާއި ޕައިލެޓުންނާއި ބިޒްނަސްމަނުން ގާސިމްގެ އަމިއްލަ މާމިއްޔަތުން ޚަރަދަުކުރައްވައިގެން އުފެއްދެވި ކަމީ ދެބަސްވެވެންނެތް ހަގީގަތެއް ކަމަށް ސައުދު ވިދާޅުވިއެވެ.
މީގެއިތުރުން، ޖޭޕީއަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ފަހި ފުރުސަތުތަކާއެކު ހުޅުވިފައިވާ ޕާޓީއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ޖޭޕީން މައުލޫމާތުދޭ ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ގިނަ އަދަދެއްގެ ޒުވާން އަންހެނުންނާއި ފިރިހެނުން ޖޭޕީއާ ގުޅޭ މަންޒަރު ފެނިގެންދާނެ ކަމަށެވެ.