"ފުރަވީރުން" އިވެންޓުގެ ތެރެއިން ޖުމްހޫރީ ޕާޓީއާ ގުޅުނު 2023 މެންބަރުންނަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު އޮނަރަބަލް ޤާސިމް އިބްރާހީމް ޝުކުރުދަންނަވައިފިއެވެ.

އެ މެމްބަރުންނަށް ޝުކުރު ދަންނަވައި ޤާސިމް އިބްރާހީމް ވިދާޅުވީ، "ފުރަވީރުން" އިވެންޓަކީ ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކަށް އެއް ވަގުތެއްގައި އެއް ހަރަކާތެއްގެ ތެރެއިން އެންމެ ގިނަ ބަޔެއްގެ ފޯމް އެއްފަހަރާ ހަވާލުކުރެވުނު އެއް އިވެންޓް ކަމަށެވެ.

"ފުރަވީރުން" ހަރަކާތަކީ ޖުމްހޫރީ ޕާޓީގެ ޙަޔާތުގައިވެސް ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވި އެންމެ ހައިބަތު ހުރި އެއް ހަރަކާތެވެ. "ފުރަވީރުން" އިންތިޒާމުކުރުމުގައި އިސްދައުރެއް އަދާކުރައްވާފައިވަނީ އެނޕާޓީގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާއެވެ.

ޖޭޕީގެ އިސްތަރުޖަމާނު އަލީ ސޯލިޙް ވިދާޅުވި ގޮތުގައި، ‏ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވި "ފުރަވީރުން" ހަރަކާތް ވެގެންދިޔައީ އާއިލާތަކަށް އުފާވެރިކަން ގެނެސްދިން އިވެންޓަކަށެވެ. އަދި މިހަރަކާތުގައި، ވަރަށް ކުރުމުއްދަތަކުން ޕާޓީއަށް ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ ގެންނެވި، އައު 2023 މެމްބަރުންގެ މެމްބަރޝިޕް ފޯމް، އެ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހިމަށް ⁦‪#YouthwithQasim‬⁩ ހޭޝްޓެގާއެކު އެކަމަނާވަނީ އަރުވާފައެވެ.

"ފުރަވީރުން"ގެ ނަމުގައި ޤައުމީ ރޫޙު އެކުލެވޭ ޖޯޝުން ފުރިގެންވާ ޒުވާނުންގެ ހާއްސަ ހަރަކާތެއް ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ބޭއްވީ 25 މޭ 2023 ވީ ބުރާސްފަތި ދުވަހުގެ ރޭގައެވެ.

މި ހަރަކާތް އިފްތިތާޙްކޮށްދެއްވީ ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަދި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާއެވެ. ޝަރަފުވެރިކޮށްދެއްވީ އެކަމަނާގެ ފިރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމެވެ.

މި ހަރަކާތުގައި ސްޓޭޖް ޝޯވއާއެކު ތަފާތު މުނިފޫހިފިލުވުމުގެ ހަރަކާތްތައް ފެނިގެންދިޔައެވެ. އޭގެ ތެރޭގައި ހަވާ އެރުވުމާއި ފަންނުވެރިންގެ ހުނަރުތަކުގެ ޖާދުވީ ހަރަކާތްތަކާއި ދިވެހި ޘަޤާފީ ކުޅިވަރުތައް ހިމެނެއެވެ.