ރައްޔިތުންގެ މަޖިލީހުގައި ފ. ނިލަންދޫ ދާއިރާ ތަމްސީލުކުރައްވާ މެމްބަރު، އަބްދުލް މުހްސިން ހަމީދު ސަރުކާރު ހިންގާ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ ގުޅިވަޑައިގެންފިއެވެ.

މެމްބަރު އަބްދުލް މުހްސިން އެމްޑީޕީއާ ގުޅިވަޑައިގަތީ، އެ ދާއިރާގެ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފ. ނިލަންދޫއަށް ވަޑައިގެން އެ ރަށުގައި އެކަމަށްޓަކައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ.

މެމްބަރު އަބްދުލް މުހްސިނާއެކު އެ ދާއިރާގެ ގިނަ ބަޔަކު އެމްޑީޕީއާ ގުޅުނުކަން އެ ޕާޓީން ހާމަކޮށްފައިވެއވެެ.

މެމްބަރު މުހްސިން އަކީ މިނިވަން މެމްބަރެއްގެ ގޮތުގައި ހުންނެވި މެމްބަރެކެވެ. އޭނާ އެމްޑީޕީއާ ގުޅިވަޑައިގެންފައި މިވަނީ، އެ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި 12 މެމްބަރަކު އެ ޕާޓީން ވަކިވެ، އައު ޕާޓީއެއް އުފައްދަން މަސައްކަތްކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

މުހުސިން އެމްޑީޕީއަށް ސޮއިކުރައްވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަން ސޮއިކުރެއްވުމަށް ފަހުއެވެ.

މެމްބަރު އެމްޑީޕީއާ ގުޅިވަޑައިގެންފައި މިވަނީ، އެމްޑީޕީއަށް މަޖިލީހުގެ ސުޕާ މެޖޯރިޓީ ގެއްލިފައިވާ ދަނޑިވަޅެއްގައެވެ.

މެމްބަރު މުހްސިން ގުޅިވަޑައިގަތުމާއެކު، އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ދެން ތިއްބަވާނީ 56 މެމްބަރުންނެވެ. އެއީ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށެވެ.