- ވޯޓުގެ ނަތީޖާތައް މިރޭގެ ވަގުތެއްގައި ހާމަކުރަން ފަށާނެ
ތުރުކީގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އަދިވެސް ކުރިއަށް އެބަދެއެވެ.
ތުރުކީގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށާފައިވަނީ ރާއްޖޭ ގަޑިން މިއަދުގެ މެންދުރު ވަގުތުން ފެށިގެންނެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، ތުރުކީގެ ރައްޔިތުން އިޚްތިޔާރު ކުރަން ޖެހިފައިވަނީ މިހާރުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ނުވަތަ އިދިކޮޅު ލީޑަރު ކެމާލް ކްލިޗްތަރޯޟްއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއްގެ ވޯޓުލާން ޖެހުނީ، މިމަހުގެ 14 ވަނަ ދުވަހު ބޭއްވި ވޯޓުގައި، އިންތިޚާބު ކާމިޔާބުކުރަން ބޭނުންވާ 51 އިންސައްތަ ވޯޓު އެއްވެސް ބޭފުޅަކަށް ލިބިވަޑައި ނުގަތުމުންނެވެ.
ފުރަތަމަ ބުރުގައި ރައީސް އުރުދުޣާންއަށް ލިބިވަޑައި ގެންނެވީ ވޯޓުގެ 49.5 އިންސައްތައެވެ. އިދިކޮޅު ލީޑަރު ކެމާލްއަށް ލިބިވަޑައިގެންނެވީ 44.9 އިންސައްތަ ވޯޓެވެ.
ފުރަތަމަ ބުރުގެ ވޯޓުގައި ކުރި ހޯއްދަވާފައިވުމުން، ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވެފައިވަނީ، ދެވަނަ ބުރު ފަސޭހަކަމާއެކު ކާމިޔާބު ކުރެއްވޭނޭ ކަމުގެ އުންމީދު ބޮޑުކަމަށެވެ.
އުރުދުޣާންގެ ސަޕޯޓަރުންވެސް ތިބީ މި އުންމީދުގައެވެ. އެމީހުން އެގޮތަށް އުންމީދުކުރަނީ، ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދެއްކި ނަތީޖާއާ ދިމާ އިދިކޮޅަށް ރައީސް އުރުދުޣާން، އިންތިޚާބުގެ ފުރަތަމަ ބުރުން ހައިރާން ކުރުވަނިވި ނަތީޖާއެއް ހޯއްދެވުމެވެ.
އެހެންވެ، ވޯޓުގެ ދެވަނަބުރުން 55 އިންސައްތައިން މަތީގެ ނަތީޖާއެއް ރައީސް ކާމިޔާބު ކުރައްވާނެ ކަމަށް ސަޕޯޓަރުން ބުނެއެވެ.
ދުނިޔޭގެ ސްޓޭޖްގައި ތުރުކީ ތަމްސީލުކޮށް، ތުރުކީ ރައްޔިތުންގެ މަސްލަހަތުތައް ހިމާޔަތް ކުރެއްވޭނެ ހަމައެކަނި ލީޑަރަކީ އުރުދުޣާން ކަމަށްވެސް އެމީހުން ބުނެއެވެ.
ރައީސް އުރުދުޣާންއާއި ސަޕޯޓަރުން ދެވަނަ ބުރު ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދުގައި ތިބިއިރު، އިދިކޮޅު ލީޑަރު ކެމާލް ކްލިޗްތަރޯޟް ހުންނެވީ އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަމުގައެވެ.
ފުރަތަމަ ބުރުން ތިންވަނަ ހޯއްދެވި ސިނާން އޮގާންވަނީ، ދެވަނަ ބުރުގައި ރައީސް އުރުދުޣާންއަށް ތާއީދު ދެއްވާފައެވެ.
އިންތިޚާބު އޮބްޒާވްކުރާ ފަރާތްތަކުން ބުނަނީ، ފުރަތަމ ބުރުގެ ވޯޓާ ޚިލާފަށް ދެވަނަ ބުރުގައި ވޯޓުލުން ކުރިއަށްދަނީ ވަރަް ހަލުވިކޮށް ކަމަށެވެ. އަދި ވޯޓުގެ ކަންކަން ދަނީ ވަރަށް އަމާންކޮށް ކަމަށްވެސް ބުނެއެވެ.
ފުރަތަމަ ބުރާ ޚިލާފަށް ދެވަނަ ބުރުގެ ވޯޓުގެ ނަތީޖާ ވަރަށް އަވަހަށް އާންމުކުރަން ފަށާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ތުރުކީގެ ސުޕްރީމް އިލެކްޝަން ބޯޑުގެ ޗެއަރމަން ވިދާޅުވެފައިވަނީ، ފުރަތަމަ ބުރުގައި 24 ޕާޓީއަކުން ރިޔާސީ އިންތިޚާބުގައި ވާދަކުރުމުން ވޯޓު ގުނުން ދިގުލައިގެން ދިޔައީ ކަމަށާއި، ނަމަވެސް ދެވަނަ ބުރުގެ ވޯޓު ގުނުން އަވަސްވާނޭ ކަމަށެވެ.