އައިސް ޕްލާންޓްތައް ހިންގުން ފެނަކައާ ހަވާލުކުރުމުގެ ނަތީޖާ ރަނގަޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީގައި، ފެނަކައިން އިމާރާތްކުރި އައު އިންޖީނުގެއާ އޮފީސް އިމާރާތް އަދި އައިސްޕްލާންޓް ހުޅުއްވައިދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ފެނަކަ ކޯޕަރޭޝަނާއި އައިސްޕްލާންޓްތައް ހިންގުން ހަވާލުކުރުމަށް ސަރުކާރުން ނިންމީ އެކަމާއި ގުޅޭގޮތުން މަޝްވަރާތައް ކުރުމަށްފަހު، އެންމެ ރަނގަޅު ގޮތަކީ އެއީ ކަމުގައިވާތީ ކަމަށެވެ.

އަދި މިހާރު ފެނަކައާއި ހަވާލުކޮށްފައިވާ ހުރިހާ އައިސް ޕްލާންޓްތަކަކުންވެސް މަސްވެރިންނަށް ޚިދުމަތް ލިބެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފެނަކައިގެ ޕްލޭނަކީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި މި ގެންގުޅޭ ދުރުވިސްނުމާއި، ގިނަ ދުވަހަށް އެ ޚިދުމަތްތައް ފަސޭހައިން މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެގޮތަށް ކަންތައްތައް ކުރުން. ރާއްޖޭގެ ކޮންމެ ރަށަކަށް އެރިޔަސް، މިއަދު ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނީ މިފަދަ އެތައް މަސައްކަތެއް ފެނަކައިން ކުރަމުންގެންދާ ތަން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ފެނަކައިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ފެނަކައިން ފޯރުކޮށްދޭ ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތާއި އަދި މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދާނެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ، މަސްވެރިކަމުގެ ދާއިރާއަށް މިސަރުކާރުން ގެނައި ކުރިއެރުންތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ލަސްތަކެއް ނުވެ މަހުގެ އަގަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ކުރިޔަށް އޮތް ތަނުގައި ފީއަލީގައި އިތުރު މަޝްރޫޢުތައް ހިންގޭނެކަމަށާއި، ފީއަލީ ރައްޔިތުން އެންމެ ބޭނުންވެފައިވާ ބިން ހިއްކުމުގެ މަޝްރޫޢު ފެށުމަށް ޖަހަންޖެހޭ ބަންޑްވޯލް ޖެހުމުގެ މަސައްކަތް މިހާރު އެމްޓީސީސީން ފަށާފައިވާކަމަށާއި، ފީއަލީގެ މަޝްރޫއުތައް ހިންގޭނީ ފީއަލީގެ ރައްޔިތުން ބޭނުންވާ ގޮތް ސާފުކޮށްގެން ކަމަށް ބެސް ރައީސް ވިދާޅުވިއެވެ.

އައިސް ޕްލާންޓްތައް ހިންގުން ފެނަކައާ ހަވާލުކުރުމުގެ ނަތީޖާ ރަނގަޅު ކަމަށް ރައީސް ވިދާޅުވެފައިވާއިރު، ފެނަކައިން ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދޭ މައްސަލަ ހޫނުވެ، ކުދި ވިޔަފާރީތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސްކުރުމަށާއި، އެ ކުންފުނީގެ މެނޭޖްމަންޓް އަދި ފައިނޭޝަލް އޮޑިޓެއް ހެދުމަށް މަޖިލީހަށް ކުއްލި މައްސަލައެއްވެސް ވަނީ ހުށަހަޅާފައެވެ.

އޭޕްރިލް މަހުގެ 11ވަނަ ދުވަހު މަޖިލީހަށް އެ މައްސަލަ ހުށަހަޅުއްވަމުން، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވަނީ، ފެނަކައިން ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށްފަހު، މާލެއާއި، ރަށްރަށުގެ ކުދި ވިޔަފާރީތަކަށް 2.8 ބިލިއަނަށްވުރެ ގިނަ ފައިސާ ދަރާފައިވާ ކަމަށާއި، އެ ފައިސާ ނުލިބުމުގެ ސަބަބުން ކުދި ވިޔަފާރީތަކަށް މާލީ ދަތިތަކާ ކުރިމަތިވެ، މުވައްޒަފުންނަށް މުސާރަ ނުދެވި، ކުލިދެއްކުން ފަދަ ކަންކަން ވެސް ދަތިވެ ބައެއް ވިޔަފާރީތައް ހުއްޓި، ބައެއް ކުންފުނިތައް ބަނގުރޫޓުވާ ހިސާބަށް ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ.

އެ މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރު ކޮށްލާފައިވަނީ މައްސަލައަށް ބަހުސް ކުރަން ފެނޭތޯ ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 33 މެމްބަރުންގެ ތެރެއިން 18 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.