ސޯޝަލް މީޑިއާ ދިވެހިންނަށް ތައާރަފްވުމަށްފަހު އެ ޕްލެޓްފޯމްތަކުގެ ތެރެއިންވެސް ދިވެހިން އެންމެ ހަރަކާތްތެރިކޮށް ފެންނަމުން އަންނަނީ ޓިކްޓޮކުންނެވެ. މުނިފޫހިފިލުވާލުމާއި ރައްޓެހި ރަހުމަތްތެރިކަމުގެ ގުޅުން ބަދަހިކޮށްލުމަށް ގިނަ ދިވެހިން ޓިކްޓޮކްގެ ބޭނުން ހިފަމުން އަންނައިރު އޭގެން ނުރަގަނޅު ނަތީޖާތަކެއްވެސް އަންނަނީ ކުރަމުންނެވެ. އެހެންނަމަވެސް އެ ހުރިހާ ފާޑުކިޔުމެއް އެއްފަރާތް ކުރަމުން މިއަދު މުޅި ޓިކްޓޮކް އާއިލާ މިސްރާބު ޖަހާފައިވަނީ ފެހި މަންޒިލަކާއި ދިމާއަށެވެ.

އާދެ! ދައްކަން މިއުޅެނީ ދާދި ފަހުން ދިވެހި ޓިކްޓޮކް ޕްލެޓްފޯމަށް އައި ސިއްސައިގެންދާ ވަރުގެ ބަދަލުގެ ވާހަކައެވެ. ޓިކްޓޮކްގައި ހަރަކާތްތެރިވާ ބޭފުޅުންތަކެއްގެ އިސްނެގުމަށް އުފެއްދި ކޮމިޓީއަކުން ޓިކްޓޮކަކީ ދިވެހިން ބަލައިގަންނަ ޕްލެޓްފޯމަކަށް ހެދުމުގެ އަމާޒުގައި ފަށާފައިވާ ދަތުރުގެ ވާހަކައެވެ.

ފާއިތުވި ހުކުރު ދުވަހު ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ފެށި ކުޑަކުދިންގެ ހަވީރާއިއެކު ދިވެހި ޓިކްޓޮކް އާއިލާ ބުނެދިނީ އެ ޕްލެޓްފޯމަކީ ހަމައެކަނި މުނިފޫހިފިލުވުމަށް އޮތް ތަނެއް ނޫންކަމެވެ. ޓިކްޓޮކް އާއިލާ ބުނެދިނީ އިޖުތިމާއީ ހަރަކާތްތަކުގައި އެބޭފުޅުންގެ ތަޖުރިބާ މަދުނަމަވެސް އެފަދަ ކަންތައްތަކުގައި އެންމެ އިންޗިއެއްގެ މިންވަރުވެސް ދޫ ނުދޭނެކަމެވެ.

ފުރަތަމަ ތަޖުރިބާއާއެކު އަންނަ ހުކުރު ދުވަހު ޓިކްޓޮކް އާއިލާ ނުކުންނަނީ އުއްމީދުތަކަކާއި އެކުގައެވެ. ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން އަނެއްކާވެސް ކުޑަކުދިންގެ ހަވީރެއް އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00 އިން އިރުއޮއްސި 6:00އަށް ބާއްވާއިރު މި ހަރަކާތުގެ ތެރެއިން ލޭ ހަދިޔާ ކުރުމުގެ އިވެންޓެއްވެސް ކުރިއަށްދާނެއެވެ.

މީގެ އިތުރުން ޖޫންމަހުގެ 15ވަނަ ދުވަހު މުޅި ރާއްޖެ އަށް އަމާޒުކޮށްގެން "ޓިކްޓޮކް ގޮޓް ޓެލެންޑް"ގެ ނަމުގައި ހާއްސަ ހަރަކާތެއް ގެނެސްދިނުމަށްވެސް ޓިކްޓޮކް އާއިލާއިން ދަނީ ތައްޔާރުވަމުންނެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ އެއްވަނައަށް އަންނަ ފަރާތަކަށް 5000 ރުފިޔާގެ އިނާމެއް ކަނޑައެޅިފައިވާއިރު ދެވަނައަށް އަންނަ ފަރާތަކަށް 3000 ރުފިޔާ އަދި ތިންވަނައަށް އަންނަ ފަރާތަކަށް 2000 ރުފިޔާގެ އިނާމެއް ވަނީ ކަނޑައެޅިފައެވެ.

ވީނިއުސްއާ ވާހަކަ ދައްކަމުން ޓިކްޓޮކް ފެހިމަންޒިލްގެ މީޑިއާ ކޯޑިނޭޓަރު އިބްރާހިމް ޒުކާ ފާހަގަކުރެއްވީ ހަރަކާތްތަކާއިއެކު ޓިކްޓޮކް ޕްލެޓްޕޯމަށް އައި ބަދަލާއި ކުރިމަގަށް އެބޭފުޅުން ކުރާ އުއްމީދުތަކުގެ ވާހަކައެވެ. ޒުކާ ވަނީ މި ހަރަކާތްތަކަށް އާއްމުންގެ ފަރާތުން ލިބޭ ތަރުހީބުގެ ބޮޑުކަން ސިފަކޮށްދެއްވާފައެވެ. އަދި މާލީ ގޮތުން ޅަފަތުގައި އޮތް ޓިކްޓޮކް ކޮމިޓީން ހިންގާ މި ހަރަކާތްތަަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އާއްމުން ޝައުގުވެރިވުމަކީ އެއީ އުފަލެއްގެ ގޮތުގައި ޒުކާ ވަނީ ފާހަގަކުރައްވާފައެވެ. ޒުކާ ވަނީ ކޮމިޓީގެ އަމާޒަކީ ދިވެހި ޓިކްޓޮކް މިހާރަށްވުރެ ބޮޑަށް ރައްޔިތުން ބަލައިގަންނަ ތަނަކަށް ހެދުން ==ކަމަށެވެ.

މިހުރިހާ އިވެންޓެއްގެ ތެރެއިން ޓިކްޓޮކް އާއިލާ ގޮވައިގެން އެބޭފުޅުން އެދޭ ފެހި މަންޒިލަށް ދިއުމަށް އަތުކުރި އޮޅާލައިގެން ތިއްބެވީ ޓިކްޓޮކްގައި ވުޖޫދުވި ކޮމިޓީއެވެ. އެބޭފުޅުންގެ އަމާޒަކީ ދިވެހި ޓިކްޓޮކަށް އަމާޒުވާ ފާޑުކިޔުންތައް މުޅިން ވުޖޫދުން ފުހެލައި ޓިކްޓޮކް އާއިލާގެ އެންމެ މެމްބަރަކުވެސް ބާކީ ނުކޮށް އެބޭފުޅުންގެ އަތުގައި ހިފައިގެން ޓިކްޓޮކްގެ ފެހި މަންޒިލަށް ގެންދިއުމެވެ.