ތުރުކީގައި އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަބުރު، މިހާރުގެވެސް ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ކާމިޔާބު ކުރައްވައިފިއެވެ.

މިކަން ހާމަވެފައިވަނީ، ތުރުކީގެ ރަސްމީ ނޫސް އޭޖެންސީ، އަނަދޮލުއިން އާންމުކުރި ނުރަސްމީ ވަގުތީ ނަތީޖާއިންނެވެ.

ވޯޓުފޮށިތަކުގެ 97 އިންސައްތަ ފޮށީގެ ވަގުތީ ނަތީޖާތައް މީޑިއާއިން ހާމަކޮށްފައި ވާއިރު، ރައީސް އުރުދުޣާންއަށް ވޯޓުގެ 52.1 އިންސައްތަ ލިބިވަޑައިގެންފައިވާ ކަމަށް އަނަދޮލުއިން ބުނެއެވެ.

ދެވަނަ ބުރުގައި ރައީސް އުރުދުޣާންއާ ވާދަކުރެއްވި އިދިކޮޅު ލީޑަރު ކެމާލް ކްލިޗްތަރޯޟްއަށް ލިބިވަޑައިގެންފައިވަނީ 47.9 އިންސައްތަ ވޯޓެވެ.

އަނަދޮލު ނޫސް އޭޖެންސީން އާންމުކޮށްފައިވާ ނަތީޖާ މުޅިން ކަށަވަރުވާނީ، ތުރުކީގެ ސުޕްރީމް އިލެކްޝަން ކައުންސިލުން ވަގުތީ ނަތީޖާ ހާމަކުރުމުންނެވެ.

މިހާރު ހާމަވެފައިވާ ނަތީޖާއާއެކު، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއަށް ވެރިކަމުގެ ތިންވަނަ ދައުރެއް ކަށަވަރުވެގެންދާނެއެވެ.

ތިންވަނަ ދައުރާއެކު ތުރުކީގައި މިހާތަނަށް އެންމެ ގިނަދުވަހު ވެރިކަން ކުރައްވާ ރައީސަށްވެސް އުރުދުޣާން ވެވަޑައި ގަންނަވާނެއެވެ.

ތުރުކީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއްގެ ވޯޓުލާން ޖެހުނީ، މިމަހުގެ 14 ވަނަ ދުވަހު ބޭއްވި ވޯޓުގައި، އިންތިޚާބު ކާމިޔާބުކުރަން ބޭނުންވާ 51 އިންސައްތަ ވޯޓު އެއްވެސް ބޭފުޅަކަށް ލިބިވަޑައި ނުގަތުމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ރައީސް އުރުދުޣާންގެ ސަޕޯޓަރުން މިހާރުވަނީ އަންކާރާގައި ހުންނަ ރިޔާސީ ގަނޑުވަރު ކައިރިއަށް އެއްވެ، އުފާފާޅުކުރަން ފަށާފައެވެ.

އެމީހުން މިހާރު އިންތިޒާރު ކުރަމުންދަނީ، ރައީސް އުރުދުޣާން އިންތިޚާބުގެ ކާމިޔާބީއާއެކު ސަޕޯޓަރުންނާ މުޚާތަބު ކުރައްވާނެ ވަގުތަކަށެވެ.

މިހާރު ހާމަވެފައިވާ ނަތީޖާއާއެކު، ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުން އުރުދުޣާންއަށް މަރްހަބާ ވިދާޅުވަމުން އެބަގެންދަވައެވެ.

އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ތުރުކީގެ އާންމުންނާއި، ދުނިޔޭގެ އެކި ގައުމުތަކުގެ އެތައް މިލިއަން މުސްލިމުންވެސް އުފާފާޅުކޮށް ޝުއޫރު ފާޅުކުރަން ފަށާފައި ވެއެވެ.

ރަޖަބް ތައްޔިބް އުރުދުޣާން، ތުރުކީގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަކީ، ދުނިޔޭގެ އެހެން ގައުމުތަކުގެ އެތައް މިލިއަން މުސްލިމުންވެސް ބޭނުންވެފައި ތިބި ގޮތެވެ. ސަބަބަކީ، އުރުދުޣާންއަކީ، މުސްލިމުންގެ ހައްގުގައި ދުނިޔޭގައި ފާޅުގައި އަޑުއުފުއްލަވައި، މުސްލިމުންގެ ހައްގުގައި ވަކާލާތު ކުރައްވާ، އިސްލާމީ މަދު ލީޑަރުންގެ ތެރެއިން އެންމެ އަރާހުންނެވި ލީޑަރު ކަމަށްވާތީއެވެ.