މާލެ ސަރަހައްދުގައި ސްޓެލްކޯއިން ދޭ ކަރަންޓު ބިލުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ދެމުން ގެންދާ ކުނި ނެގުމުގެ ހިދުމަތުގެ ބިލް ހިމެނުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ކަރަންޓު މީޓަރު ހަރުކޮށްފައި ހުންނަ ގޭބިސީތަކަށް ދެން ކަރަންޓު ބިލު ފޮނުވާނީ ކުނި ބިލު އެއްކޮށްލުމަށް ފަހުއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި، ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ. އަދި ވެމްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން، ޝަރީފް ވިދާޅުވީ، ކުނި އުކާލުމުގެ ފީ ކަރަންޓު ބިލާއި އެއްކުރުމުން އެކަމަށް ކުރަންޖެހޭ އިދާރީ މަސައްކަތަށް ކޮންމެ ބިލަކުން އެ ކުންފުނިން ނަގާނީ 2 ރުފިޔާ ކަމަށެވެ.

ޝަރީފް ވިދާޅުވީ، މި އެއްބަސްވުމަށް އާދެވިފައި ވަނީ ވަރަށް ގިނަ މަޝްވަރާތަކަށް ފަހު ކަމަށެވެ.

ހޮނިހިރު ދަވަހު ގެޒެޓުކޮށް، އަމަލުކުރަން ފަށާފައިވާ "ކުނި މެނޭޖުކުރުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމާއި، ބިލުކުރުމާބެހޭ ގަވައިދު"ގައި ވާގޮތުގައި އެ ގެއެއްގެ ނުބަތަ ގޭބިސީއަކުން ކަރަންޓު ޔުނިޓު 34 ޔުނިޓަށް ވުރެ މަދުން ބޭނުން ކުރާނަމަ ކުނި ނުއުފައްދާކަމަށް ބަލައި ބިލު ނުކުރާނެއެވެ.

އެ ގަވައިދުގައިވާގޮތުން، ބިލު ކުރާ މުއްދަތުގެ ކުރިން ދީފައިވާ އެއްވެސް ހިދުމަތެއްގެ އަގު ބިލުގެ މުއްދަތުގައި ހިމަނައިގެން ނުވާނެއެވެ.