ދަ ޑިމޮކްރެޓްސް އުފެއްދުމަށް ހަރަކާތްތެރިވާ ޒުވާނުންނާއި ޢާންމުންނަށް އެކިގޮތްގޮތުން ބިރުދައްކައި، ވަޒީފާއިން ވަކިކޮށް ހިންގާ ނާއިންސާފު ޢަމަލުތައް އެ ޕާޓީން ކުށްވެރިކޮށްފިއެވެ.

ވަޒީފާއިން ވަކިކުރި އާސިޔަތު އަލައިކާ ޢަދްނާންއާއި، މުޙައްމަދު ޙަމްދާން އަދި އަންޞާރު ޢަބްދުއްސައްތާރަކީ މިސަރުކާރު ވެރިކަމަށް ގެނައުމަށާއި، ކުރީ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ޢަދަދު ނުކުރެވޭހައި ބުރަ މަސައްކަތް ކޮށްފައިވާ ޒުވާން ސިޔާސީ ލީޑަރުންކަން ދަ ޑިމޮކްރެޓްސް އިން ނެރުނު ބަޔާނުގައިވެއެވެ.

ސިޔާސީގޮތުން ޚިޔާލު ތަފާތުވުމުން ތަޢުލީމާއި ތަޖުރިބާގެ ގޮތުން ޤާބިލު ފަރާތްތަކަށް ޚިދުމަތްކުރުމުގެ ފުރުސަތު ބަންދުކުރުމަކީ ޤައުމުގެ މުސްތަޤްބަލަށް އެޅޭ ހިޔަންޏެއްކަން ފާހަގަކޮށް ބަޔާނުގައި ވަނީ މިވެރިކަން ގެންނަމުން ނުކުރާނެ ކަމަށް ވަޢުދުވީ އެއް ކަަމަކީ ވަޒީފާގެ ބިރުވެރިކަން ނޯންނާނެ ކަމުގެ ވާހަކަ ކަމަށެވެ.

އެހެންކަމުން މިއަދު މަޤާމުން ވަކިކުރި ސިޔާސީންނަކީ ކޮންމެހެން ރައީސުލްޖުމްހޫރިއްޔާއަށް ތާޢީދުނުކޮށްގެން ވަކިކުރި ބައެއް ނޫން ކަމަށާއި ދަ ޑިމޮކްރެޓްސްގެ ތާޢީދާއި، މެންބަރުން އިތުރުވާ މިންވަރު ފެނި، އިންޒާރު ދިނުމަށާއި، ބިރުދެއްކުމަށް ވަކިކުރި މީހުން ކަމަށް އެ ޕާޓީން ފާހަގަކުރެއެވެ.

ދަ ޑިމޮކްރެޓްސް ދެކޭގޮތުގައި މިމަގުން މަޤާމުތަކުން ވަކިކުރަމުން ދިޔުމުން ރަމްޒުކޮށްދެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ފިނޑިކަމެވެ. މިޕާޓީގެ މެންބަރުންނާމެދު ޒާތީވެ ތަޢައްސުބު ގެންގުޅޭ ކަމެވެ. ސަރުކާރުގެ އަނިޔާވެރިކަމާއި، ތަފާތުކުރުންކަން އެ ޕާޓީން ނެރުނު ބަޔާނުގައިވެއެވެ.