މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ޖޫން މަހުގެ 1ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00އަށް ހަމަވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" http://apply.presidency.gov.mv މި ޕޯޓަލް މެދުވެރިކޮށްގެންނެވެ.

އިނާމަށް ނަން ހުށަހަޅާ ފަރާތްތަކުން އިނާމަށް ހުށަހަޅާއިރު، އިނާމު ދެވޭ ކޮންމެ ގިންތިއަކުން ފޯމާއެކީ ހުށަހަޅަންޖެހޭ ކަމަށް ގެޒެޓުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔުންތައް ހުށަހެޅުމަށް ވަރަށްބޮޑު ސަމާލުކަމެއް ދިނުމަށް ޚާއްސަ އިނާމާބެހޭ ކޮމިޓީން އެދިވަޑައިގަންނަވައެވެ.

ޚާއްސަކޮށް ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ނުވަތަ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށް 1 ވަނަ ހޯދައިގެން އިނާމަށް ހުށަހަޅާއިރު، ސަނަދު ދިން މަރުކަޒުން ނުވަތަ ކޯސް ފުރިހަމަކުރި މަރުކަޒުން ދީފައިވާ ކޯހުން 1 ވަނަ ނުވަތަ އެންމެ މަތީ ވަނަ ހާސިލުކުރިކަން އަންގައިދޭ ލިޔުމާއި، ކޯހުން ހޯދައިފައިވާ މާކުހުގެ އެވްރެޖް ނުވަތަ ގްރޭޑް ޕޮއިންޓް އެވްރެޖް ބަޔާންކޮށްފައިވާ ލިޔުމާއި، ރާއްޖެއިން ބޭރުގެ ސަނަދެއް ކަމަށްވާނަމަ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަޔާންކޮށް ތައްގަނޑު ޖަހައިފައިވާ ސަނަދުގެ ކޮޕީ ހުށަހަޅަންޖެހޭތީ މިކަންކަމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދިނުމަށްވެސް ކޮމިޓީން އެދިވަޑައިގަންނަވައެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު، މިއަހަރު ދެއްވުމަށް ހަމަޖެހިފައިވަނީ، ހަތަރު ގިންތިއަކުންނެވެ.

އޭގެތެރޭގައި ހިމެނޭ ގިންތިތަކަކީ، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތިއާއި، ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް އިނާމު ދިނުމުގެ ގިންތި ހިމެނެއެވެ.

މީގެ އިތުރުން ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ ޢިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދިނުމުގެ ގިންތިއާއި، ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދިނުމަށް ހަމަޖެހިފައިވާ ގިންތިއެވެ.